ބޮޑު އިންޖީނެއްގައި މައްސަލަ ޖެހި އާދިއްތަ އަދި ހޯމަ ދުވަސް ކުޅުދުއްފުށިން ކަރަންޓް ކަނޑަނީ

ކުޅުދުއްފުށި ސިޓީއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން އެއް މެގަވޯޓްގެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެ، އަންނަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ބައެއް ގަޑިތަކުގައި ކަރަންޓްގެ ހިދުމަތް މެދުކޭނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފި އެވެ.
ކުޅުދުއްފުށީގައި ކަރަންޓް ފޯރުކޮށްދިނުމަށް ޖުމްލަ 6 އިންޖީނު ބޭނުންކުރާއިރު މައްސަލަ ކުރިމަތިވީ އިތުރު އިންޖީނެއް ގުޅުމުގެ މަސައްކަތް ކުރަމުންދަނިކޮށްނެވެ.
އެ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ދެ އިންޖީނެއްގައި މައްސަލަ ޖެހުނު ކަމަށާ ނަމަވެސް އެތަނުން އެއް އިންޖީނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު މައްސަލަ ޖެހިފައި ހުރި ޖަނަރޭޓަރުގެ މައްސަލަ ހައްލުކުރުމަށް މާދަމާ، އާދިއްތަ އަދި ހޯމަ ދުވަހު ހެނދުނު 10:00 – 16:00 އާ ދެމެދު ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެދޭތެރެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
އެހެންވުމުން މި ދުވަސްވަރު ވީހާވެސް މަދުން ކަރަންޓް ބޭނުންކުރުމަށް އެފަރާތުން އިލްތިމާސްކުރެ އެވެ. ފެނަކަ އިން ބުނީ ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ތަކެތިން ކަރަންޓް ކަނޑާލާފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުންވެސް ވަނީ ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ