ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި

ލިލްގެ މައްޗަށް 1-2 އިން ކުރި ހޯދާ، ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފިއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޕީއެސްޖީންނެވެ. މި ގޯލް މެޗުގެ 40 ވަނަ މިނެޓްގައި ޕީއެސްޖީއަށް ކާމިޔާބުކޮށް ދިނީ ހާވިއޭ ޕަސްޓޯރޭއެވެ.
ފުރަތަމަ ހާފް ޕީއެސްޖީ ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅު ޖިބްރީލް ސިޑިބޭ ވަނީ ލިލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ލިލްގެ މި ގޯލަށްފަހު ދެ ޓީމުން ވެސް ގޯލެއް ކާމިޔާބުކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 70 ވަނަ މިނެޓްގައި ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކީ، ޕީއެސްޖީގެ އެޑްރިއަން ރަބިއޯއަށް ރަތްކާޑު ދައްކާފައެވެ. ނަމަވެސް އޭގެ ހަތަރު މިނެޓްފަހުން އެންހެލް ޑިމަރިޔާއަށް ވަނީ ދެވަނަ ފަހަރަށް ޕީއެސްޖީއަށް ލީޑުނަގާދީފައެވެ.
ޕީއެސްޖީގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ފޯވާޑް، ޒްލަޓާން އިބްރަހިމޮވިޗްއަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މިއީ ޕީއެސްޖީން ފްރެންޗް ލީގު ކަޕް ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. މިއީ އެ ކްލަބުގެ ތާރީހުގައި މި ތަށި ހޯދި ހަވަނަ ފަހަރެވެ. ޕީއެސްޖީން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާއިރު، އެ ކްލަބަށް ފްރެންޗް ކަޕް ހޯދުމުގެ ފުރުސަތު ވެސް އަދި އެބަޮތެވެ.
ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި އަންނަ މަހުގެ 21 ވަނަ ދުވަހު، ޕީއެސްޖީ ނިކުންނާނީ މާސޭއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ