ރައީސް މައުމޫން އަމަލުކުރައްވަނީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަކަށް ނޫން - އަދުރޭ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު އަމަލުކުރައްވަމުން ގެންދަވަނީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ނޫންކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ އަދުރޭ ވިދާޅުވީ، ޕާޓީގެ އެންމެ މުހިއްމު ގުނަވަން ކަމުގައިވާ ކައުންސިލާ މަޝްވަރާނުކުރައްވާ، ރައީސް މައުމޫން އަމަލުކުރައްވަމުން ގެންދަވާ ގޮތް ގަބޫލުނުކުރެއްވޭނެ ކަމަށެވެ.
"ޕާޓީގެ އެންމެ މުހިއްމު ގުނަވަނަކީ، ޕާޓީގެ ކައުންސިލް. ކައުންސިލްގެ މަޝްވަރާއެއް ނެތި ރައީސް މައުމޫނަށް އެކަން އެގޮތަށް ނުކުރެއްވޭނެ" އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި، ނަމަވެސް ރައީސް މައުމޫން މިއަދު އަމަލު ކުރައްވަމުން ގެންދަވަނީ އޭނާ ދެނެވަޑައިގަންނަވާ ޑިމޮކްރެސީއަކަށް ނޫން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ޕާޓީ ހުއްޓުވާފައި ބޭއްވުމަކީ ރައީސް މައުމޫނަށް ވެސް ކުރެއްވޭނެ ކަމެއް ނޫންކަމަށާއި، އެންމެ މީހަކަށް ޕާޓީ "ހައިޖެކް" ކޮށްފައި ނުބޭއްވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ޕާޓީ އެގޮތަށް ހުއްޓުވާފައި ނުބޭއްވޭނެ ރައީސް މައުމޫނަށް ވެސް. މިއީ ކޮންހަލަކަ ޑިމޮކްރެސީއެއްތޯ އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވޭ" އަދުރޭ ވިދާޅުވިއެވެ.
އަދި ޕާޓީ މިހާރު އޮތް ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުމަށްޓަކާ، މަގެއް ހޯދަމުންދާ ކަމަށާއި އެކަން ކުރާނީ، ސުލްހަވެރިކަމާއެކު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ ބާރުތަށް ރައީސް މައުމޫން ރޭ ނަންގަވާފައިވާއިރު، އެމަނިކުފާނުގެ ހުއްދަނެތި ޕީޕީއެމްގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުން ވެސް ބާއްވައިގެން ނުވާނެކަން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މެދުވެރިކުރައްވާ އެޕާޓީގެ ހުރިހާ ކޮމެޓީއަކަށް އަންގަވާފައެވެ.
ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެފައި މިވަނީ ރައީސް މައުމޫންގެ ވިސްނުންފުޅާއި ދެކޮޅަށް ޓްއަރިޒަމް ޤާނޫނު އިސްލާހްކޮށް ބިޑަކާއި ނުލައި ރަށްތައް ދެވޭ ގޮތައް ޤާނޫނު އިސްލާހް ކުރުމާއި ގުޅިގެންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ