ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމަށް ހައި ކޯޓުން ތާއިދު ކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވެގެން އޭނާ 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަށް ހައި ކޯޓުން ތާއިދު ކޮށްފިއެވެ.
ނާޒިމްގެ މައްޗަށް ހުކުމް ކުރުމަށް މިއަދު ބޭއްވި ޝަރިއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް ވިދާޅުވީ ގ. އެނިފްގައި ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފެނުނު ހަތިޔާރާއި ގޮވާތަކެއްޗަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
އަދި ޝަރުއީ ނިޒާމު ބައްޓަން ކުރެވިފައިވާ ގޮތުން މަނާ އެއްޗެއް އެމީހެއްގެ ހިޔާޒަތުގައި ވާތަނަކުން ފެނިއްޖެ ނަމަ އެއީ އެމީހެއްގެ އެއްޗެއް ނޫން ކަމަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި ނަމަވެސް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ހަތިޔާރާއި އެހެން މީހަކާއި ގުޅުވޭނެ ފަދަ ހެއްކެއް ހުށަހެޅިފައިނުވާއިރު އެ ހަތިޔާރުގެ ޒިންމާ އެހެން ފަރާތަކުން އުފުލާފައިނުވާ ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.
އަދި އެ ހަތިޔާރުތަކަކީ ނާޒިމަށް ލަނޑެއް ދިނުމުގެ ގޮތުން ބަޔަކު އެތަނުގައި ބެހެއްޓި އެއްޗެއް ކަމަށް ނާޒިމްގެ ފަރާތުން ބުންޏަސް އެކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ރައޫފް ވިދާޅުވިއެވެ.
ނާޒިމް އެޕާޓްމެންޓަށް ވަން ފުލުހުންގެ ތެރެއިން ފުލުހަކު އެ އެޕާޓްމެންޓުގައި އެ ދަބަސް ބޭއްވި ކަމެއް އެނގެން ނެތް ކަމަށާއި އަދި ނާޒިމްގެ ސެކިއުރިޓީންގެ ގޮތުގައި މަސައްކަތް ކުރި ސިފައިންގެ މީހަކުވެސް އެ ދަބަސް އެތަނުގައި ބޭއްވި ކަމެއް އެނގެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ނާޒިމްގެ އެޕާޓްމެންޓަށް ވަން ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމެއް އެނގެން ނެތް ކަމަށްވެސް ފަނޑިޔާރު ރައޫފް ވިދާޅުވިއެވެ.
ހަނގުރާމަވެރި ހަތިޔާރު މީހެއްގެ އަތުން ނުވަތަ އެމީހެއްގެ ހިޔާޒަތުގެ ދަށުގައިވާ ތަނަކުން ފެނިއްޖެ ނަމަ އެއީ އޭނާގެ އެއްޗެއް ނޫން ކަމަށް ސާބިތުކޮށްދޭން ޖެހޭނީ އެމީހަކު ކަމަށާއި ނުކޮށްދެވިއްޖެ ނަމަ އެއީ އެމީހެއްގެ އެއްޗެއް ކަމަށް ގާނޫނީ ގޮތުން ބެލެވިދާނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާ ފެންމަތިވުމާއެކު، ނާޒިމް ވަނީ އޭނާ އޭރު އަދާކުރައްވަމުން ގެންދެވި ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ