ޖިނާއީ މައްސަލަތަކުގައި ރާއްޖެ އާއި އިންޑިއާ އިން އެއް ގައުމު އަނެއް ގައުމަށް ގާނޫނީ ގޮތުން އެއްބާރުލުން ދިނުމާބެހޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖޭގައި މިއަދު ފެށި ހަތަރު ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ހަވާސާގައި އެ އެއްބަސްވުމުގެ ލިއުން ދެ ފަރާތުން ވަނީ ބަދަލުކޮށްފައެވެ. އެކަމަށްޓަކާ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޕްރޮސެކިއުޓަރު ޖެނަރަލް އައިޝަތު ބިޝާމެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގެ ލިޔުމާއި ހަވާލުވެވަޑައިގެންފައިވަނީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައި ޝަންކަރާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ.
މިއަދު އެކުލަވާލާފައިވާ އެއްބަސްވުމަކީ "ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" މި ނަމުގައި އެކުލަވާލި އެއްބަސްވުމެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ޖިނާއީ މައްސަލަތަކުގައި ރާއްޖެއާ އިންޑިއާއިން އެއް ގައުމު އަނެއް ގައުމަށް އެހީވަނީ، ދެ ގައުމުގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމާއެކު ދެ ގައުމުގެ އެހީގައި ޖިނާއީ ކުށްތައް ހުއްޓުވަން މަސައްކަތް ކުރުމުގެ މަގްސަދުގައި ކަމަށެވެ.
އެގޮތުން މުއާހަދާގައި ބުނާގޮތުން، ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާއިރު، ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެ މީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު، ތަހުގީގު ކުރިއަށް ގެންދާ ފަރާތަށް ލިބެއެވެ. އަދި އެ މީހެއްގެ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު ތަކާއި ވިޔަފާރީގެ ރިކޯޑުތައް ވެސް ބެލޭނެއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރަން ނިންމީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުއެވެ. މުއާހަދާގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 65 މެމްބަރުންގެ ތާއީދާއެކުއެވެ. އިންޑިއާއާއެކު މި މުއާހަދާ ގާއިމްކުރަން ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވިއެވެ.
ނަމަވެސް އެ އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުންތަކެއް ހިއްސާކުރިއެވެ. އެގޮތުން އެފަދަ އެއްބަސްވުމެއްގެ ސަބަބުން ރާއްޖޭގެ ކޮންމެ މީހަކު ވެސް އިންޑިއާއިން ބޭނުންވެއްޖެ ހިނދެއްގައި ހިފައި ހައްޔަރުކޮށް އެގައުމުގެ ޖަލަކަށް ލެވިދާނެ ކަމަށް އިދިކޮޅުން ބުނަމުންދިޔައެވެ.
ނަމަވެސް އިދިކޮޅުގެ ކަންބޮޑުވުމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، އެފަދަ އެއްބަސްވުމެއްގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
ޖިނާއީ މައްސަލަތަކުގައި އިންޑިއާގެ ގާނޫނީ އެހީ ހޯދާ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ