ހުރިހާ ބާރެއް އެއްބައެއްގެ އަތްމައްޗަށް ދިނުމަކީ ނުރައްކަލެއް: ގާސިމް

ދައުލަތުގެ ބާރުތައް އެއްބައެއްގެ އަތްމައްޗަށް ދިއުމަކީ ނުރައްކާތެރި ކަމެއްކަމަށް ސިފަވާގޮތަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވައިފި އެވެ. ގައުމީ ދުވަސް ފާހަގަ ކުރުމަށް ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒުގައި ބޭއްވި ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ބާރުތަކެއް އެއްބައެއްގެ އަތްމައްޗަށް ދިއުމަކީ ކޮރަޕްޝަނަށް މަގުފަހިވާ، ގެއްލުން ހުރި ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން ގާސިމް ނެންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމެވެ. ވިދާޅުވީ އޭރު ހުރިހާ ބާރެއް ވެރިކަން ކުރާ ފަރާތައް ލިބިފައި އޮތުމުން ނިކަމެތި ކަމެއް ލިބިގެން ދިޔަ ކަމަށެވެ. "އޭރު އެންމެ އަޑެއް އޮތީ އުފުލަން. ތިން ބާރު އޮތީ އެއްބާރުގެ ގޮތުގައި. ދެން މީގެން ލިބުނީ ރަނގަޅެއްތޯ ނުބައެއްތޯ އަޅުގަނޑުމެން ވިސްނާލަމާ ހިންގަވާ،" ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެވާހަކަ އެގޮތަށް ދެއްކުމުން، އޭރު ސަރުކާރުގައި ތިބި މީހުން މިހާރު ތިބީ "ގާސިމް ޕާޓީގައޭ ވިދާޅުވާނެ" ކަމަށެވެ. އެއަށް ގާސިމް ދެއްވާ ޖަވާބަކީ "ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށް" ކަމަށެވެ. ގާސިމްގެ ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައި އަނެއްކާ ކައުންސިލު އިންތިހާބުގެ މެޖޯރިޓީވެސް ހަމަ އެ ޕާޓީއަށް ލިބިދާނެތީއެވެ. އެ ހުރިހާ ބާރެއް އެމްޑީޕީއަށް ލިބިއްޖެނަމަ ވާނެގޮތުގެ ވާހަކަ ގާސިމް ދެއްކެވީ ނުސީދާ ކޮށެވެ. "ކައުންސިލު އިންތިހާބުގައި ހަމަ ކުރީގައި މިދިޔަ މަންޒަރު ފެނިގެން ހިނގައްޖެއްޔާ ދެންވާނެ ގޮތް ވިސްނާ ވަޑައިގަންނަވާ. މިހާރުވެސް ކޮބައިތޯ އަޅުގަނޑުމެން އަތުގައި އޮތީ ކޯއްޗެއްތޯ" ގާސިމް ވިދާޅުވިއެވެ. "އެންމެ ރައްޔިތެއްގެ ޖީބު އޮތީމާ ދެންވާނީ ކިހިނެތްތޯ" ގާސިިމް އެއްސެވި އެވެ. ގާސިމް ވިދާޅުވީ ކަންކަން ހިތާމައަކަށް ވެގެން ނުދާނެ ގޮތަށް ދިވެހި ރައްޔިތުން ވިސްނައި އަމަލުކުރަން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ