އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މަގާމުން ވަކި ކުރަނީ

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ދެމަސް ދުވަހަށް ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.މި ނިންމުން ޖޭއެސްސީއިން ނިންމީ އެ ކޮމޝަނުގެ 80 ވަނަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަންގެ ނައިބު ރައީސް އަދި އެމްޑީޕިއާއި ގާތް ގުޅުމެއް އޮންނަ އަލްއުސްތާޒް މަސްތޫރު ހުސްނީއެވެ. ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.އެ ކޮމިޝަނުން މި ނިންމުން ނިންމުމުގެ ކުޑައިރުކޮޅެއް ކުރިން އުއްތަމަ ފަނޑިޔާރު ވަނީ ޝަރުއީ ކޯޓުތަކުގެ މިނިވަންކަން ނިގުޅައިގަނެފައިވާކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ. އެމަނިކުފާނު ވަނީ ޖޭއެސްސީގެ އަމަލުތަކަކީ ޣައިރު ގާނޫނީ އަދި ޣައިރު ދުސްތޫރީ އަމަލުތަކެއް ކަމަށް މުތުލަގަށް ވިދާޅުވެފައެވެ. ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވައެވެ. އެ ކޮމިޝަނުގެ މެމްބަރުން ބަހާލެވިފައިވާ ގޮތަށް ބަލާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތާއި، ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރި ރައީސް ނަޝީދުގެ ކުރީގެ ލޯޔަރު ހިސާން ހުސެއިނާއި، ބާ ކައުންސިލުން އައްޔަން ކުރި މެމްބަރާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެމްބަރަކީ އެމްޑީޕީގެ ފިކުރަށް ނިސްބަތްވާ 6 މެމްބަރެވެ. ބައެއް ފަރާތްތަކުން ބުނާގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަނުގައި ހުންނަވާ މެމްބަރު ޑރ.އަލީ ޝަމީމް ހުންނަވަނީ މަގާމުގެ ދިފާއުގައި އެމްޑިޕީ ކޮޅަށެވެ. އެކޮމިޝަނުގައި ތިއްބަވާ 3 މަރުހަލާގެ ކޯޓުތަކުގެ 3 ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކަށް މިދެންނެވި 7 މެމްބަރުން ހުރަސް އަޅާ ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައި ހިންގަމުން އަންނަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. މީގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސާލިހު އަޑީގައި ތިއްބަވައިގެން މުޅި ޝަރުއީ ނިޒާމް ފުނޑާލަމުންދާކަން ރާއްޖޭގެ ގާނޫނީ ވަކީލުން އަންނަނީ ފާހަގަކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ