އިންޑިއާގައި މިހާރު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން ބޭރަށް ނިކުމެ އުޅުމުގައި ސަމާލުވުމަށް ޓްރިވެންޑްރަމްގައި ހުންނަ ދިވެހި ކޮންޒިއުލޭޓުން އަންގައިފި އެވެ.
ޓްރިވެންޑްރަމްގައި އުޅޭ ދިވެހިންނަށް ހާއްސަ ވައިބާ ގްރޫޕަށް ކޮންޒިއުލޭޓުގެ ފަރާތުން ލާފައިވާ މެސެޖުގައި އެދިފައި ވަނީ މަގުމަތީގައި އުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.
"އިންޑިއާގެ އެކި އެކި ސްޓޭޓް އަދި އަވަށް ތަކުގައި ބޮޑެތި މުޒާހަރާ ކުރެވެމުން އަދި ރޭވެމުންދާތީ ބޭރަށް ނުކުމެ އުޅުމުގައި ފަރުވާތެރިވެ އުޅުއްވުން ވަރަށް ބޮޑަށް އެދެން. މިދުވަސްކޮޅު މަގުމަތީގައި އުޅުއްވާއިރު ޚާއްސަ ސަމާލު ކަމެއް ދެއްވައިގެން ލިބިދާނެ ގެއްލުމަކުން ރައްކާވެތިބުމީ އަޅުގަނޑުމެން އެދޭ އެދުމެއް،" އެ މެސެޖުގައި ވެއެވެ.
ކޮންޒިއުލޭޓުން އިތުރަށް ބުނީ މުޒާހަރާތައް ކެރަލާގައި ނެތް ނަމަވެސް، އެކި ތަންތަނަށް ވަޑައިގަންނަވާއިރު ސަމާލުވެ ތިބުމަށް އެދޭ ކަމަށެވެ.
އަދި ބޭރަށް ނިކުމެ އުޅޭއިރު، ކަމެއް ދިމާވެއްޖެ ނަމަ ކޮންޒިއުލޭޓްގެ ހޮޓްލައިން 919847702554+ ގުޅުމަށް ވެސް ވަނީ އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ކޮންޒިއުލޭޓުގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
އިންޑިއާގެ އެކި ސްޓޭޓުތަކުގައި މިހާރު މުޒާހަރާ ކުރަމުން ދަނީ ސިޓިޒެންޝިޕް އެމެންޑްމެންޓް އެކްޓް (ސީއޭއޭ) އާ ދެކޮޅަށެވެ. މިދިޔަ ހަފްތާގައި ފާސްކުރި އެ ގާނޫނަކީ ރައްޔިތުކަމާ ގުޅިފައިވާ ގާނޫނެކެވެ.
އޭގައިވާ ގޮތުން 2015 ގެ ކުރިން އިންޑިއާއަށް ހިޖުރަ ކުރި ބައެއް ފަރާތްތަކަށް އެގައުމުގެ ރައްޔިތުކަން ލިބުމުގެ މަގު އަވަސް ވާނެ އެވެ.
އެ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުން ހިޖުރަ ކުރި ދީނީ މައިނޯރިޓީންނެވެ. އެއީ ހިންދޫންނާއި، ސިކް، ބުދިސްޓުން، ޖެއިންސް، ފާރްސީން އަދި ނަސާރާއިން ހިމެނޭ ގޮތަށެވެ.
އެކަމަކު އެ ބިލުގައި މުސްލިމުން ހިމަނާފައެއް ނުވެ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވަނީ އެގޮތަށް ކަނޑައެޅީ އަފްގާނިސްތާން، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި މުސްލިމުންނަކީ ދީނީ މައިނޯރިޓީން ކަމަށް ނުބެލެވޭތީ އެވެ.
އެއާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ބައެއް މީހުން ވަނީ މަރުވެފަ އެވެ. ގިނަ ބަޔަކަށް އަނިޔާވެފައި ވާއިރު، މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރެ އެވެ.
އިންޑިއާގައި އުޅޭ ދިވެހިން ބޭރަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް ކޮންޒިއުލޭޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ