އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެމުގެ ވިސްނުމެއް ނެތް: ރައީސް މައުމޫން

އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ވީޓީވީގެ މެހެމާންސަރާ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ހިޔާލް ތަފާތުވުން ބޮޑުވެ ޕާޓީގެ ހިންގުން ކޯޓް މެދުވެރިކޮށް، ޕާޓީގެ މުސްތަޝާރާއި ހަވާލްކުރައްވާފައިވީނަމަވެސް އިތުރު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅެއް އެމަނިކްފާނު ނުގެންގުޅުއްވާކަމަށެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުގެ ހިތެއް ނުބުނޭ އިތުރު ސިޔާސީ ޕާޓީއެއް އުފައްދަންވީއެކޭ. އެއީ ވަރަށް ގޮންޖެހުން ބޮޑުކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްކަމުގެ މަގާމު ގެއްލިއްޖެނަމަ އަމަލްކުރައްވާނީ ކިިހިނެތްތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އޮތީ އެންމެ ގޮތެއްކަމަށާ އަަމަލްކުރަން އޮތީވެސް އެންމެ ގޮތެއްކަމަށެވެ.
އެއީ ޕީޕީއެމްގެ ސަރުކާރު ޕާޓީގެ އުސޫލްތަކުގައި ހިފަހައްޓާ އަސްލަށް ރުޖާއަވުންކަމަށާ އޭރުން މައްސަލަތަކަށް ހައްލު ލިބޭނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދީ އެބޭފުޅުން ގަބޫލްކުރާ ފިކުރުތަކާއި ހަރުދަނާ އުސޫލްތަކުގެ މައްޗަށްކަމަށާ އެހެންކަމުން އައު ސިޔާސީ ޕާޓީއެއް އުފެއްދިނަމަވެސް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެކަަަމަށެވެ. އެހެންކަމުން އުސޫލްތަކުން ބޭރުވެފައިވާ ސަރުކާރުގެ އަމަލްތައް ހަމަތަކުގެ މައްޗަށް ގެނައުމަށް މަސައްކަތްކުރުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިހާރު ހުރި ހަގީގީ މައްސަލަތަކަކީ ކޮބާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ ދެއްތޯ. ކޮބާކަން ޕާޓީގެ އުސޫލްތަކާއި ހިލާފަށް ކުރެވެމުންދާ ކަންތައްތަކަަކީ. އެކަން ރަނގަޅު ކުރަންޖެހެނީ. އެއްގޮތަކަށްވެސް އައު ޕާޓީއެއް އުފެއްދުމެއް ނޫން މުހިންމީކީއެއް ދެއްތޯ." ރައީސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ