ޕީޕީއެމްގެ ރައީސްކަން ރައީސް ޔާމީނާ ހަވާލުކުރުމަށް އެޕާޓީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮފިން ގޮވާލައިފި

ޕީޕީއެމްގެ ރައީސްކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރުމަށް އެ ޕާޓީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ގޮފިން ގޮވާލައިފި އެވެ. އެ ގޮފީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ކޯޑިނޭޓަރު އަހްމަދު ޝަމްއޫން ސޮއިކުރައްވައި މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ރިޔާސީ ނިޒާމެއްގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިޔާސަތުތައް އެންމެ ފުޅާދާއިރާއެއްގައި އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ފުރިހަމަގޮތުގައި ލިބެންޖެހޭ ކަމަށެވެ. "އެހެންކަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ޕާޓީގެ ހުރިހާ ގުނަވަންތަކެއްގެ އެއްބާރުލުން އެންމެ މަތީ ދަރަޖައިގައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބިވަޑައިގަންނަވަންޖެހެއެވެ. އެ މަގުސަދު ހާސިލުކުރުމަށްޓަކައި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެނައުމަށްޓަކައި އެއްބާރުލުން ދެއްވުމަށް ޕާޓީގެ ކައުންސިލަށް މިގޮފީގެ އެންމެހައި މެމްބަރުންގެ އިއްތިފާގުން ދަންނަވަމެވެ،" އެ ބަޔާނުގައި ވެއެވެ. އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޕީޕީއެމްގެ ގޮފީގެ ހައިސިއްޔަތުން އެ ގޮފީގެ މެމްބަރުން ތާއީދު ކުރަނީ 2018 ގައި ދެވަނަ ދައުރަކަށް ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެނައުމަށް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ރައީސް ޔާމީންގެ ކެންޕޭން ފެށުމުގެ ހަރަކާތްތައް ކުރިއަށްގެންދަވާ ކަމަށްޓަކައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރަށް އެ ގޮފިން ވަނީ ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމް ފުރުއްވޭ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައެޅުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލަށް އެގޮފިން ތާއީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ