މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން މާލޭން 362.5 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފިއެވެ.
ސިވިލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު އިއްވާފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި މައުމޫން ބައްލަވައިގެންނެވީ އޯކިޑުމަގު 23 ނަމްބަރު ފިހާރަ ހުރި 362.5 އަކަފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތާއި ނުއުފުލޭ މުދަލެވެ.
ސިވިލްކޯޓުގެ ހުކުމުގައިވާ ގޮތުން މައުމޫން އެ ބިން ބައްލަވައިގެންނެވީ ހަ މިލިޔަން ރުފިޔާގެ އަގަކަށެވެ.
ސިވިލް ކޯޓުންވަނީ އެބިމުގެ ވެރިފަރާތަކީ މިހާރު މައުމޫން ކަމަށް އެ ހުކުމުގައި ކަނޑައަޅާފައެވެ.
މި ބިން މައުމޫން ބައްލަވައިގެންފައިވަނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ދަރިފުޅުގެ ނަމުގައި އަގުބޮޑު ފްލެޓެއް ބައްލަވައިގެންނެވި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ.
އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައިވެސް ދެ ފްލެޓެއް ބައްލަވައިގެންނެވިކަން ހާމަވެފައި ވަނިކޮށެވެ.
މައުމޫން ބައްލަވައިގެންނެވި ބިމާ ގުޅޭ ގޮތުން މީޑިޔާތަކަށް މައުމޫން ވިދާޅުވެފައިވަނީ އެ މުއާމަލާތަކީ މާލެއިން ބިމެއް ގަތުމަށް ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ. އަދި އެ ބިން ހަ މިލިޔަން ރުފިޔާއަށް ބައްލަވައިގެންނެވި ކަމަށް ކޯޓު މެދުވެރިކޮށް ހުކުމެއް ހޯދާފައިވަނީ އެ ބިމުގެ ވެރިފަރާތްތަކުން އެ ބިން ހަދަން ވެގެން ބޭންކުން ލޯނެއް ނަގަން ވެގެން ބިމުގެ އަގު މަތި ކުރުމުގެ ގޮތުން ވެރިފަރާތްތަކާއެކު ކުރި މުއާމަލާތެއް ކަމަށެވެ. ނަމަވެސް އެ މުއާމަލާތް ކޮށްފައިވަނީ ބޭންކަށް އޮޅުވާލުމަށްވެސް ނޫން ކަމަށް މައުމޫން ވިދާޅުވިއެވެ.
މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ