ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ވަނީ ގެއްލިފައި - ފާރިސް

ދިއްގަރު ދާއިރާގެ ރަށްތަކަށް ބޭނުންވާ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ ފުރުސަތާއި ބަޖެޓާ ގުޅިގެން ދާއިރާގެ ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ޖަލުގައި ބަންދުކޮށްފައި ހުންނެވި އެ ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ބަންދު ކުރިތާ 150 ދުވަސް ފުރުމާ ގުޅިގެން އިއްޔެ ފާރިސް ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭނާ ބަންދުކޮށްފައިވަނީ މަޖިލީހުގައި ހިނގާ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ފަދަ ޣައިރު ގާނޫނީ ކަންކަމާ ދެކޮޅަށް މަސައްކަތްކުރަށް ފެށި ހިސާބުން، ނުކުރާ ކުށަކަށް ސިޔާސީ ބޭނުމެއްގައި ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއް ކޮށްފައި ކަމަށެވެ.
މަޖިލީހުގެ ގަވައިދާ ކަނޑައެޅިގެން ހިލާފަށް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމެޓީތަކަށް ހާޒިރުވުމަށް މަޖިލީހުންނާއި ކަމާބެހޭ މުއައްސަސާތަކުން އޭނާއަށް ހުރަސްއަޅާ ކަމަށާއި ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.
އަދި ގާނޫނާ ހިލާފަށް ބަންދުކުރުމާ ގުޅިގެން ހައްގުތައް ހިމާޔަތް ކުރުމަށާއި ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އިޖާބަދީފައި ނުވާ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އިން ދުރުވެ ނުވަތަ އެ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދިފައިވާ ކަމަށް ވެސް ބަޔާނުގައި ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ދާއިރާގެ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގަށް ދައުލަތުގެ އެކި މުއައްސަސާތަކުން ހުރަސް އަޅައި، މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު އަމަލުތަކެކެވެ. ފާރިސް ވިދާޅުވީ ދިއްގަރު ދާއިރާގެ ރަށްތަކަށް ބޭނުންވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރިއިރު، އެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. އަދި ބަޖެޓާ ގުޅިގެން ދާއިރާގެ ރައްޔިތުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށެވެ.
މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކުރީ މިދިޔަ ޖުލައި މަހުގެ 18 ގައެވެ. ރިޝްވަތުގެ މައްސަލައިގައި ދައުވާ ކުރަމުންދާއިރު، ފާރިސްގެ މައްޗައް ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ