ރައީސް މައުމޫން ދޫކޮށްލުމަށް ފުރަތަމަ ފަހަރަށް ދުންޔާ ގޮވާލައްވައިފި
ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ފުރަތަމަ ފަހަރަށް ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ ރޭ، އެމަނިކުފާނު ދިރިއުޅުއްވި އެންދެރިމާގޭގެ ދޮރުވައްޓާލުމަށް ފަހު އެވެ. ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދިޔަ ނަމަވެސް ދެ ދުވަސް ފަހުން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. މައުމޫން ހައްޔަރު ކުރިފަހުން ހަފްތާއެއް ވާން ކައިރިވެފައިވާ އިރު ވެސް އެމަނިކުފާނު ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކުރީގެ ފޮރިން މިނިސްޓަރުކަން ކުރައްވައި އަދި މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުންޔާ ގޮވާލައްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް މައުމޫނުގެ ހާލަތާ ގުޅޭ ގޮތުން ދުންޔާ އައީ ކަންބޮޑުވުން ފާޅުކޮށް ބައްޕާފުޅަކީ ހެޔޮލަފާ އިންސާނެއްގެ ގޮތުގައި ސިފަކޮށްދިނުމަށް މަސައްކަތްފުޅު ކުރައްވަމުންނެވެ. ރައީސް މައުމޫންގެ އަރިހުގައި ދުންޔާ މައުމޫން: ދުންޔާ ވަނީ ރައީސް މައުމޫން ދޫކޮށްލައި ވަކީލުންނާއި އައީލާއަށް ބައްދަލުކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެދިފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް ރައީސް މައުމޫން އާއި ކޮއްކޯފުޅު، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އާއި އެއްބަނޑު އެއްބަފާ، ދައްތާފުޅު ޔުމްނާ މައުމޫންގެ ފިރިކަލުން ފުލުހުންގެ ބަންދުގައި ތިބި މި ދަނޑިވަޅުގައި ދުންޔާ މައުމޫން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުންނެވުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ދުންޔާ މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 'މިގައުމުގެ ބައްޕަ' ރައީސް މައުމޫން ދޫކޮށް ގެއަށް ގެނެސްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ. އަދި އެއްވެސް ހުރަހެއްނެތި އާއިލާއަށާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ރައީސް މައުމޫންއާ ބައްދަލުކޮށް އެކަށީގެންވާ ބޭސްފަރުވާގެ ހިދުމަތް ދެއްވުމަށް ވެސް ދުންޔާ ގޮވާލެއްވި އެވެ. ދުންޔާ އެ ޓުވީޓް ކުރައްވާފައި ވަނީ އދ. ސެކެޓްރީ ޖެނަރަލް އެންޓޯނިއޯ ގުޓްރެސް އާއި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރިސާ މޭ އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރު މޯދީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރައްވާ ދުނިޔާގެ ބައެއް ލީޑަރުން ޓެގް ކުރައްވައިފަ އެވެ. ރައީސް މައުމޫނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ