މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުން ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޕޯލްގައި ވޯޓްލީ ރައްޔިތުން ނިންމައިފި އެވެ.
ރާއްޖެ ޓީވީން ޓްވިޓާ މެދުވެރިކޮށް އިއްޔެ ހުޅުވާލި ޕޯލްގައި ސުވާލެއްގެ ގޮތުގައި އަހާފައިވަނީ "ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ އެކަށީގެންވަނީ ކޮން ބޭފުޅެއް" މިސުވާލެވެ.
މިރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިޕޯލްގައި ޖުމްލަ 10،376 މީހުން ވޯޓްލާފައިވާއިރު އޭގެ ތެރެއިން 43 އިންސައްތަ މީހުން ބުނެފައިވަނީ ގުޅިފައިވާ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށެވެ.
ގާސިމް އިބްރާހީމާއި އެންމެ ކައިރިން ވާދަކުރެއްވި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް މި ޕޯލްގައި ލިބިވަޑައިގެންފައިވަނީ 30 އިންސައްތަ ވޯޓެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 25 އިންސައްތަ ލިބިވަޑައިގެން ޕޯލްގެ ތިންވަނަ ލިބިވަޑައިގެންފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެ އިންސައްތަ ވޯޓް ލިބިވަޑައިގެން ޕޯލްގެ ހަތަރުވަނަ ވަނީ ލިބިވަޑައިގެންފަ އެވެ.
ރާއްޖެ ޓީވީން ކުރިއަށް ގެންދިޔަ ޕޯލްގެ އެއްވަނަ ގާސިމް އިބްރާހީމަށް ލިބިވަޑައިގަތުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއި އެޕާޓީގެ މެންބަރުންނާއި ގާސިމަށް ތާއީދުކުރައްވާ ބޭފުޅުން ގެންދަވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާނަމަ އެޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ޕާޓީގެ ލީޑަރަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި މިވަގުތު ހުންނެވީ ގާސިމް އިބްރާހީމް ކަމަށްވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އެންމެ ފުރަތަމަ ރަސްމީކޮށް އިއުލާންކޮށްފައިވާ ޕާޓީ އަކީ ވެސް ޖުމްހޫރީ ޕާޓީ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ރަނގަޅު އިދިކޮޅު ކެންޑިޑޭޓަކީ ގާސިމް ކަމަށް ހިޔާލު ހޯދުމުން ދައްކައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ