ތެހެރާން (ޖެނުއަރީ 2) - ގައުމުގައި ހަމަނުޖެހުން އުފައްދާ، ގާނޫނު މުގުރާ މީހުންނަށް އީރާނުގެ ރައްޔިތުން އަދަބު ދޭނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ވެރިންނާ ދެކޮޅަށް މިހާރު ފަށާފައިވާ މުޒާހަރާތަކާ ގުޅިގެން ރޫހާނީ ނެރުއްވި ބަޔާނުގައި ވިދާޅުވީ ގާނޫނާއި ރައްޔިތުންގެ އެދުންތަކާ ދެކޮޅަށް ނުކުތް މީހުން ހުއްޓުވުމުގައި ރައްޔިތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ފާޑު ކިޔުމާއި އިހްތިޖާޖަކީ ފުރުސަތެއް. އެއީ ބިރެއް ނޫން. އެކަމަކު ހަމަނުޖެހުން އުފައްދާ، ގާނޫނު މުގުރާ މީހުންނަށް އީރާނުން ރައްދު ދޭނެ،" ރޫހާނީ ވިދާޅުވި އެވެ.
އީރާން ސަރުކާރާ ދެކޮޅަށް އެއްބަޔަކު މުޒާހަރާ ކުރާ އިރު އަނެއް ބަޔަކު ދަނީ ސަރުކާރާ އެއްކޮޅަށް ވެސް އަޑު އުފުލަމުން. --ފޮޓޯ:އޭއެފްޕީ
އީރާން ސަރުކާރާ ދެކޮޅު މުޒާހަރާތައް ފަސް ވަނަ ދުވަހަކަށް އެޅި އިރު މިހާތަނަށް ވަނީ 15 މީހުން މަރުވެފަ އެވެ. އީރާނުގެ އެކި ސިޓީތަކުގައި ކުރާ މުޒާހަރާތަކުގައި މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމާއި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ގުޅިގެން އީރާނުގައި މުޒާހަރާތައް ފަށާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ހަމަނުޖެހުންތައް ފެށީ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަޝްހަދުގަ އެވެ. ރިޔާސީ ގާޑުން އިންޒާރު ދިން ނަމަވެސް މުޒާހަރާތައް މިހާރު ވަނީ އެކި ސިޓީތަކަށް ފުޅާކޮށްފަ އެވެ.
ރޫހާނީ އިއްޔެ ވިދާޅުވީ މުޒާހަރާ ކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު އެކަކަށް ވެސް ނުދޭނެ ކަމަށެވެ.
ގާނޫނު މުގުރާ މީހުންނަށް އީރާނުގެ ރައްޔިތުން އަދަބު ދޭނެ: ރޫހާނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ