ގާސިމް ޖަރުމަނުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގުން

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ޖަރުމަނުގައި ފިއްލަވައިގެން ހުންނަވާ ސިޔާސީ ހަރަކާތްތައް ހިންގަން ފަށައިފިއެވެ. ރިޝްވަތު ދޭން ހުށަހެޅި ކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ޖަރުމަނުގައި ފިލާ ހުންނަވައިގެން ރާއްޖޭގެ ސިޔާސީ ކަންކަން ކުރާނެ ގޮތުގެ ލަފާ ދޭން މިހާރު ވަނީ ފަށާފައެވެ. ދައުލަތަށް ދަރާފައިވާ ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާލީ ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް ރާއްޖޭގެ ޑޮކްޓަރުން ދީފައިވާ ލަފާގެ ދަށުންނެވެ. ނަމަވެސް ސިންގަޕޫރުގައި ހުންނަވާތާ މަސް ދުވަސް ވީފަހުން ދިވެހި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދައަކާ ނުލައި، ކުއްލި އަކަށް ޖަރުމަނަށް ވަޑައިގެން އެގައުމުގައި ފިއްލަވައިގެން ހުންނަވާ ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ހިންގާނެ ގޮތުގެ ލަފާ މިހާރު ދަނީ ދެމުންނެވެ. އެގޮތުން ދާދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު އެޕާޓީއަށް ސޮއިކުރެއްވުމާއި ގުޅިގެން، ގާސިމް ޖަރުމަނުގައި ހުންނަވައި، އެޕާޓީގެ އިސްވެރިންނަށާއި އެކްޓިވިސްޓުންނަށް ވަނީ ވަސިއްޔަތެއް ކުރައްވާފައެވެ. ގާސިމް ކުރެއްވި ވަސިއްޔަތުގައި އުމަރު ނަސީރު އެޕާޓީއާ ގުޅިވަޑައިގަތުމުން އެކަމާ އެއްވެސް މީހަކު ހިތްބުރަ ނުކުރުމަށާއި، އުމަރު ނަސީރަކީ ޖުމްހޫރީ ޕާޓީއަށް ވަރަށް އިޚުލާސްތެރި ހިތަކާ އެކު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވުމުން ހުރިހާ އެންމެން ވެސް އުމަރަށް އިހުތިރާމް ކުރުމަށް ގާސިމް ވަނީ ވަސިއްޔަތް ކުރައްވާފައެވެ. ހިތުގެ ބައްޔަށް ބޭސްފަރުވާ ކުރުމަށް ސިންގަޕޫރަށް ފޮނުވާލުމުން، ޖަލު ހުކުމަށް ފިއްލެވުމަށް، ޖަރުމަނުގެ ޚާއްސަ އެހީއެއްގެ ދަށުން ކަމަށް ބުނެ، ބޭސްފަރުވާ ކުރުމުގެ ނަމުގައި ޖަރުމަނުގައި ހުންނަވައިގެން ގާސިމް ދެއިރު ދެދަޅައަށް ޓުވީޓުތައް ކުރައްވާ ޕާޓީގެ މެންބަރުންނަށް ވަސިއްޔަތް ކުރަމުންދާއިރު، ގާސިމަކީ ގައިދީއެއްކަން ހަދުމުފުޅުވެސް ނެތް ކަހަލަ. އަދި ވެރިކަމަށް ކުރިމަތިލައްވާނެކަން ފާޅުގައި ވިދާޅު ނުވި ނަމަވެސް 2018 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ގާސިމް ވާދަކުރައްވާނެކަމުގެ އިޝާރާތެއް އުމަރު ނަސީރު ވަނީ ދެއްވާފައެވެ. ގާސިމް ވެރިކަމަށް ކުރިމަތިލައްވާނެކަން އުމަރު ނަސީރު ހާމަކުރެއްވުމާއެކު، ގާސިމު މިހާރު ފަރުވާ ހޯދަމުންދާ ހިތުގެ ބައްޔަށް ޝިފާއެއް ލިބުނު ކަހަލައެވެ. ޕާޓީ ތެރޭގައި ކަންކަން ކުރަންޖެހޭ ގޮތުގެ ލަފާ ދެއްވަމުން 2018 ގެ ޕްލޭން ރާވަމުން ގާސިމު ގެންދަވަނީ ވެރިކަން ކުރެއްވުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ޚިޔާލީ ފޮލާކައްކަމުންދާ ގާސިމު ވެރިކަމަށް ފައިވިއްދާލާފައި ހުންނެވި އިރު، ގާސިމްގެ މައްޗަށް ދައުވާ ކުރުމާއެކު ހިތް ފަޅައިގެން ގޮސް ޖެހުނު ބަލީގައި ހުކުމް ކުރުމާ ހަމައަށް ދެންމެ ދެންމެ ފުރާނަ ހިނގައިދާނެހެން ހީވާ ކިތަންމެ ފަހަރެއް ދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކޮރަޕްޝަންގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީޢަތް ކުރިއަށް ދިޔަ ދުވަސްވަރު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމާއެކު ކުއްލި އަކަށް ގާސިމްގެ ހިތުގެ ބަލި ބޮޑުވެގެންދިޔައެވެ. އަދި ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތުގެ މަޖިލީހުގެ ތެރެއަށް ވެއްޓި ހޮސްޕިޓަލުގެ އައިސީޔޫއަށް ގާސިމް ވަންނަން ޖެހުނެވެ. މިފަދަ އެތައް ޑްރާމާތަކެއް ކުޅުއްވަމުން ގޮސް އެބަލީގައި ދިގު ދަންމަން ފެށުމުން އެންމެ ފަހުން ގާސިމް ހޮސްޕިޓަލުގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގައި ގާސިމްގެ މައްޗަށް ކޯޓުން ހުކުމް އިއްވިއެވެ. މީގެއިތުރުން ގާސިމް އިބްރާހީމް ޖަރުމަނުގައި ހުންނަވައިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކުރަންވީ ގޮތުގެ ލަފާ އާރުކާޓީންނަށް ދެއްވަމުންދާ އިރު، އަނެއްކޮޅުން އެމްޑީޕީގެ ރޫހާނީ ލީޑަރު ވެސް ގެންދަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އެމްޑީޕީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ ލަފާ ދެއްވަމުންނެވެ. މި ދެބޭފުޅުންނަކީ ވެސް ޖަލަށް ހުކުމް އިއްވުމުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ގައުމުން ބޭރަށް އަމިއްލައަށް އަރުވާލެވިގެން ތިއްބަވައިގެން ގައުމު ހަލަބޮލިކޮށް، ދިވެހި ސަރުކާރަށް ދުއްތުރާތައް ކުރަމުން ގެންދާ ދެ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ ތެރެއިން އެއްބޭފުޅަކަށް ވެސް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނެ ގާނޫނެއްވެސް ނެތް އިރު، ގާސިމް އިބުރާހީމަކީ ވެރިކަމަށް ކުރިމަތިލެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އުމުރު ވެސް ފަހަނައަޅާ ގޮސްފައިވާ ބޭފުޅެއްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި ޖަލު ބަންދުގައި ތިބެގެން ރާއްޖޭގެ ތަޚުތައް ވަޑައިގަތުމުގެ މަސައްކަތް ކުރައްވަމުންދާއިރު، މި ދެބޭފުޅުންނަކީ ވެސް ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް ޚިޔާނާތްތެރިވެފައިވާ ދެބޭފުޅުންނެވެ. އެގޮތުން ގާސިމް އިބްރާހީމް ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ދައްކަން އޮތް އިރު، ނަޝީދަކީ ދިވެހި ދައުލަތް ދަރުވާލުމަށްފަހު ރައްޔިތުންގެ މުދަލުގައި ހުޅުޖަހާ އަންދާލުމަށް ފަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނެވި ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ. ކަން މިހެން ހުރި ނަމަވެސް މިބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް ކަމަށެވެ. މިބޭފުޅުންގެ ވާހަކަތަކަށް ރައްދު ދެއްވައި ސިޔާސީ ބައެއް ފަރާތްތަކުން ބުނެފައިވަނީ ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެން ބޭނުންވާ ނަމަ، ނަޝީދުއާ ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމަށް އަނބުރާ ޖަލަށް ވަޑައިގަންނަވަންޖެހޭ ކަމަށެވެ. ވެރިކަމުގެ އިއްޒަތާ ލައްޒަތު ބޭނުން ނުވާނީ ކާކުހެއްޔެވެ. ނަމަވެސް ރައްޔިތުންގެ ރުހުން ލިބިވަޑައި ނުގެން ހުންނެވި ގާސިމް ވެރިކަމުގެ ދަހިވެތި ކަމުގައި އެކި ފަހަރު މަތިން އެމްޑީޕީއާ ކޯލިޝަން ހަދަމުން ގޮސް ދެމީދާފެހި ބުޅަލަށް ޖެހުނު ދަތުރު ގާސިމަށް ޖެހި ކުޑަގޮޅީގައި މިއަދު އިންނަންޖެހިފައި މިވަނީ ގާސިމްގެ ސިޔާސީ ހަތުރެއްކަމަށްވާ ނަޝީދުގެ ބަހަށް ހެއްލުމުންނެވެ. ކަން މިހެން ހުރި އިރު، ފައިސާއިން ތިމާ ބޭނުންވާ ހުރިހާ ކަމެއް ނުކުރެވޭނެކަމާއި، ގާސިމަކީ ނަޝީދު އަނބުރަން ގެންގުޅޭ ބުމަރަކަށް ހަދާފައިވާކަން ޚުދު ގާސިމަށް ވެސް އެނގެންޖެހޭ ކަމަށް ސިޔާސީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ