"ސީރިއަލް ކިލާ" އަށް މަރުގެ އަދަބު ތަންފީޒު ކުރުން މަޑުޖައްސާލަން ކޯޓުން އަންގައިފި

ކުޑަކުދިން މެރުމާއި ރޭޕް ކުރުމުގެ ކުށުގައި ފަސް ފަހަރަށް މަރުގެ ހުކުމް އައިސްފައިވާ އިންޑިއާ މީހެއްގެ މައްޗަށް އަންނަ ހުކުރު ދުވަހު މަރުގެ އަދަބު ތަންފީޒު ކުރަން ހަމަޖައްސާފައި ވަނިކޮށް އެ ހުކުމް ތަންފީޒު ކުރުން ހަފުތާއަކަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ. "ސީރިއަލް ކިލާ" ގެ ނަމުން މަޝްހޫރުވެފައިވާ ސުރިންދަރު ކޯލީ ނަމަކަށް ކިޔާ އެ މީހާ އަށް ފަސް ފަހަރަށް މަރުގެ ހުކުމް އިއްވާފައިވާއިރު އަންނަ ހުކުރު ދުވަހު އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުނީ 2005 ގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައިގަ އެވެ. އެ މައްސަލައިގައި ދަށު ކޯޓުން ސުރިންދަރަށް އިއްވި މަރުގެ ހުކުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފައިވީ ނަމަވެސް އެ ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ހުއްޓުވީ އެ ހުކުމް މުރާޖައާ ކުރުމަށް ސުރިންދަރުގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ އަމުރު ކޯޓުން ނެރުނީ ވެސް އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ދަންޖައްސައިގެން މަރުގެ އަދަބު ދޭ އިންޑިއާގައި މަރުގެ ހުކުމް ލުއިކޮށްދިނުމުގެ ބާރު އެ ގައުމުގެ ރައީސަށް އޮންނަ ނަމަވެސް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޕްރަނާބް މުކަރްޖީ ވަނީ ސުރިންދަރުގެ މަރުގެ އަދަބު ލުއިކޮށްދޭން ދެކޮޅު ހައްދަވައިފަ އެވެ. ސުރިންދަރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް އިންޑިއާ އިން ތައްޔާރުވަމުން ދާއިރު ކުޑަކުދިން މެރުމާއި ރޭޕް ކުރި ކަމަށް ބުނެ އޭނާއާ ދެކޮޅަށް އިތުރު 11 މައްސަލައެއް ކޯޓުގައި މިހާރު ވެސް އެބައޮތެވެ. އެ މައްސަލަތައް ނުނިމެނީސް މަރުގެ ހުކުމް ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސުރިންދަރުގެ މައްޗަށް އަންނަ ހުކުރު ދުވަހު މަރުގެ ހުކުމް ތަންފީޒު ކުރަން އުޅުނުއިރު މި އަހަރުގެ މިހާތަނަށް އިންޑިއާގައި މަރުގެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ. އެ ހުކުމް ތަންފީޒު ކުރުން ކޯޓުން ނުހުއްޓުވި ނަމަ އެއީ އާ ބޮޑުވަޒީރު ނަރެންދުރަ މޯޑީގެ ސަރުކާރުގައި ތަންފީޒު ކުރާނެ ފުރަތަމަ މަރުގެ ހުކުމަށް ވެސް ވާނެ އެވެ. ސީރިއަސް ކުށްތަކުގައި އިންޑިއާގައި މަރުގެ އަދަބު ދިނުމަށް ހުކުމްކުރާ ނަމަވެސް އެ ހުކުމް ތަންފީޒު ކުރަނީ ވަރަށް މަދުންނެވެ. އެންމެ ފަހުން އިންޑިއާގައި މަރުގެ އަދަބެއް ތަންފީޒުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ 2001 ގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާއާ ގުޅިގެން މަރުގެ ހުކުމް އައި މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ