މަޖިލީހަށް 100 ސެކިއުރިޓީން ނެގުމަކީ ބޮޑު ޖޯކެއް: ގާސިމް

ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު އަދި އެމްއެންޑީއެފްއިން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނައިރު ބަޖެޓްގައި ހިމަނައިގެން މަޖިލީހަށް 100 ސެކިއުރިޓީން ނެގުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށް ބަޖެޓް ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ފިނޭންސުން ރިވައިޒްކޮށް މަޖިލީހަށް ކަނޑައަޅާފައިވާ ބާޖެޓާ ބެހޭ ގޮތުން ކޮމިޓީގައި މަޝްވަރާ ކުރައްވަމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރެޕިއުޓޭޝަން (ކަރާމާތް) ދަށްވެފައިވާ ދަނޑިވަޅެއްގައި އަދި ދައުލަތުގެ އާމްދަނީ "އޮބި ނޯވެގެން" އުޅޭއިރު 100 ސެކިއުރިޓީން ހޯދުމުގެ ބަދަލުގައި ކޮމިޓީތަކަށް މުއައްޒަފުން ހޯދުން ވެސް މާ ރަނގަޅުވާނެ ކަމަށެވެ.
"އެހާ ގިނަ މުއައްޒަފުން އެއްފަހަރާ އިތުރު ކޮށް، ބަޖެޓް ބޮޑުން ޖަމްޕެއް ނެގުމަކީ ވާނެވަރުގެ ކަމެއް ނޫންހެން ހީވަނީ، މަޖިލީހަށް ވަކި ސެކިއުރިޓީއެއް އުފެއްދީމަ ޖުޑީޝަރީން ވެސް ބޭނުންވާނެ ވަކި ސެކިއުރިޓީ ފޯސް އެއް އޮންނަން، ދައުލަތުގެ ކޮންމެ ބާރަކަށް ވަކި ސެކިއުރިޓީ ފޯހެއް އޮންނަންވެއްޖެއްޔާ ސަލާމަތެއް ނެތެއް ނޫންތޯ!" ގާސިމް ވިދާޅުވި އެވެ.
އަންނަ އަހަރަށް މަޖިލީހުން ފިނޭންސަށް ހުށަހެޅީ 328 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސުން ރިވައިޒް ކުރުމަށްފަހު މަޖިލީހަށް ފޮނުވާފައިވަނީ 149 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު އަލަށް އަށް މެމްބަރުން އިތުރުވާތީ އެ ހަރަދާއި މަޖިލީހުގެ އާ އިމާރާތް ނިންމުމަށާއި އެ އިމާރާތުގެ ހަރަދުތައް ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.
މަޖިލީހުން އެދުނު އަދަދު ފިނޭންސުން ކުޑަކޮށްފައިވާއިރު މަޖިލީހުގެ އިދާރާއިން އެދުނީ އިމާރާތުގެ ކަންކަން ނިންމުމަށާއި ކޮމިޓީތަކަށް މުއައްޒަފުން އިތުރު ކުރުމަށް މަދުވެގެން 99 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ ކަމަށެވެ.
މިދިއަ އަހަރު މަޖިލީހުން ހަރަދު ކޮށްފައިވަނީ 168 މިލިއަން ރުފިޔާ އެވެ. އަދި 2013 ވަނަ އަހަރަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 161 މިލިއަން ރުފިޔާ ކަމަށްވާއިރު މިއަހަރަށް 328 މިލިއަން ރުފިޔާގެ ބަޖެޓަކަށް އެދުމުން ކޮމިޓީގެ މެމްބަރުން ވަނީ އެކަމަށް ސުވާލު އުފައްދާފައެވެ.އަދި ދައުލަތުގެ ހާލަތު ހުރިގޮތުން އެވަރުގެ އަދަދެއް އެއްފަހަރާ ބޮޑު ނުކޮއްދެވޭނެ ކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ބަޖެޓް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައި އެތާވަލާއި އެއްގޮތަށް މަސައްކަތް ކުރަމުންދާއިރު ބަޖެޓުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ބަޖެޓް ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ރައީސްއަށް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ