ތިމަރަފުށީ އެއްވެސް ތަނަކުން ކަރަންޓް ނުކަނޑަން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ކަރަންޓް ބިލް ނުދެއްކިޔަސް ތ. ތިމަރަފުށީ އެއްވެސް ތަނަކުން ކަރަންޓް ނުކަނޑަން އެރަށު ކޯޓުން ނެރުނު އަމުރު ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ހައި ކޯޓުން ބާތިލްކުރީ ތިމަރަފުށީ އެއްވެސް ތަނަކުން ކަރަންޓް ބިލް ނުދެއްކި ނަމަވެސް ކަރަންޓް ކަނޑައިނުލުމަށް އަމުރުކޮށް ދިނުމަށް އެދި އެރަށު ކައުންސިލުން ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރެފައިވާ އަމުރެވެ. އެ އަމުރު ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އަމުރު ހައި ކޯޓުން ބާތިލްކުރީ ތިމަރަފުށީ ކޯޓަށް މައްސަލަ ހުށަނާޅަނީސް އަމުރެއް ނެރެފައިވާތީ އެވެ. ހައި ކޯޓުގެ ހުކުމުގައި ވަނީ އެއީ މައްސަލަ ހުށަހެޅުމެއް ނެތި ހަމައެކަނި ވަގުތީ އަމުރަކަށް ހެދި ތިމަރަފުށީ ކޯޓަށް ހުށަހެޅުމުން ނެރެފައިވާ އަމުރެއް ކަމަށާއި ނަމަވެސް އެގޮތަށް ކޯޓުގައި އަމުރެއް ނެރެ ދިނުމަށް ނޭދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތިމަރަފުށީ ކައުންސިލުން އެ އަމުރަށް އެދުމުން އެ މައްސަލަ އެރަށު ކޯޓުން ބަލައިގަނެ، ހިންގާފައި ވަނީ ވެސް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހިންގާ އުސޫލާ ޚިލާފަށް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެ އަމުރު ބާތިލްކޮށްފައި ވަނީ އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ތިމަރަފުށީ ކައުންސިލުން އެފަދަ އަމުރަކަށް އެރަށު ކޯޓުގައި އެދުނީ އޭރު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަރަންޓް ޚިދުމަތް ކަނޑަމުން ގެންދާ ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ