އިގްތިސާދީ އަދި މާލީ މައުލޫމާތުތައް ލިބޭނެ ތަނެއް ގާއިމުކުރުމުގެ ގޮތުން ރާއްޖޭގައި މާލީ ދާރުލް އާސާރެއް ހަދަން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނުން އިންތިޒާމުކޮށްގެން އިއްޔެ ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ފައިނޭޝަލް ފޯރަމުގައި މި އެއްބަސްވުމުގައި ހަ އިދާރާއަކުން ވަނީ ސޮއިކޮށްފަ އެވެ. އެގޮތުން ސޮއިކުރި އިދާރާތަކަކީ، ރާއްޖޭގެ އިގްތިސާދުގެ މިހާރުގެ ލޭ ނާރުކަމަށްވާ ފަތުރުވެރިކަން ބަލަހައްޓަމުންދާ ސަރުކާރުގެ އިދާރާ މިނިސްޓްރީ އޮފް ޓޫރިޒަމާއި، ރައްޔިތުންގެ ޕެންޝަން ފައިސާގެ ކަންކަން ބަލަހައްޓާ އަދި ފައިނޭންޝަލް ފޯރަމް އިންތިޒާމުކުރާ ޕެންޝަން އޮފީހުގެ އިތުރުން، ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަދި އެލައިޑް އިންޝުއަރެންސް އެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ހުސެއިން މަނިކު ވިދާޅުވެފައިވަނީ، މާލީ ދާއިރާ ދައްކުވައިދޭ ގޮތަށް ހަދަން ސޮއިކޮށްފައިވާ މި އެއްބަސްވުމަކީ، ޕެންޝަން ޤާނޫނު ދަށުން އެ އޮފީހަށް ލާޒިމުކޮށްފައިވާ ކަމެއް ހާސިލުކުރުމުގެ ބޭނުމުގައި ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޕެންޝަން ޤާނޫނުގައި މާލީ ދާއިރާއަށް މީހުން ހޭލުންތެރި ކުރުވުމަކީ އެ އޮފީހަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށެވެ.
ޑިޖިޓަލް ކޮންސެޕްޓެއްގެ ގޮތުގައި ދާރުލްއާސާރުގައި އެކަމަށް ޚާއްސަކޮށް ޤާއިމުކުރާ ކޯނާއަކީ، ރާއްޖޭގެ އިގްތިސާދުގެ ތަފާތު މައުލޫމާތުތަކާއި ރިސާޗް ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ އެކި ވަސީލަތްތައް ހިމެނޭ ގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ މިފަދަ ދާރުލްއާސާރުތަކާ އެއް ގޮތަކަށް ހަދާ ތަނެކެވެ.
މި ދާރުލްއާސާރު ހެދުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ، އެއްބަސްވުމުގައި ސޮއިކުރި ހުރިހާ ފަރާތްތަކެއް ގުޅިގެން ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހުޅުވޭތޯ މަސައްކަތްކުރާނެ ކަމަށެވެ. އެހެން ނަމަވެސް ފަތުރުވެރިކަމާއި ސަގާފަތާއި ބެހޭ ވަޒީރު އަހުމަދު އަދީބު ވިދާޅުވީ، ދާރުލްއާސާރު ހެދުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފައިނޭންޝަލް ފޯރަމަކީ، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުން ކަމާއިބެހޭ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބޭއްވޭ ފޯރަމެވެ.
ރާއްޖޭގައި މާލީ ދާއިރާގެ ދާރުލް އާސާރެއް ހަދަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ