މެކިނަންގެ ދަތުރުގެ މަޝްވަރާތައް ސިއްރުކޮށްފައި

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮނަލްޑް މެކިނަން އިއްޔެ ރައީސް މުހަންމަދު ވަހީދާއި ކުރީގެ ރައީސް މުހަންމަދު ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވާފައިވީ ނަމަވެސް އެ ބައްދަލުވުންތަކުގެ މައުލޫމާތުތައް ދެ ފަރާތުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވި ގޮތުގައި ރައީސް ވަހީދާ އެކު މެކިނަން ބޭއްވެވި މަޝްވަރާތަކުގެ މައުލޫމާތު ހާމަކުރައްވާނީ މެކިނަން އެވެ. އެހެންވެ އެ މަޝްވަރާގެ އެއްވެސް ތަފުސީލެއް އައްބާސް ނުދެއްވަ އެވެ. "މެކިނަން ނެރުއްވާ ބަޔާނަކުން އެއްޗެއް ވިދާޅުވާނެ. ސަރުކާރުން ވަކި އެއްޗެއް ބުނާ ގޮތަކަށް ނޫން އަދި ހަމަޖެހިފައި ވަނީ،" އޭނާ ވިދާޅުވި އެވެ. ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅަކު ވެސް މިއަދު ވިދާޅުވީ "އެއީ ކޮންފިޑެންޝަލް މީޓިންއެއް" ކަށެވެ. އެހެންވެ މަޝްވަރާގެ އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ. މެކިނަން ރާއްޖެ ވަޑައިގެން ރައީސް ވަހީދާއި ނަޝީދާ އެކު ވަކިވަކިން ބައްދަލުވުން ބޭއްވެވިއިރު ފެބްރުއަރީ 7 ގައި ރާއްޖޭގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ ޓެލެކޮންފަރެންސެއް މާދަމާ ބާއްވާނެ އެވެ. އެ ޓެލެކޮންފަރެންސްގައި ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމުގެ ވާހަކަތައް ދައްކާނެ ކަމަށް ބެލެވެ އެވެ. ރައީސް ވަހީދު ވިދާޅުވެފައި ވަނީ މެކިނަންއާ އެކު ކުރައްވާ މަޝްވަރާތަކުގައި، ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގޭތޯ މަސައްކަތް ކުރެއްވުމަށް މެކިނަން އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސީމެމްގެ އެޖެންޑާގައި ރާއްޖެ މިހާރު ހިމެނުމުގެ އެއްވެސް އުޒުރެއް ނެތް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ