ފަނޑިޔާރާ ބެހޭ ގޮތުން ނެރެގެން އުޅެނީ ދޮގު ވީޑިއޯއެއް: ގާސިމް

ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅެނީ "ދޮގު ވީޑިއޯއެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ތ. ހިރިލަންދޫގައި ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ނަހަމަ ގޮތުގައި އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގާ ކަމަށް ތުހްމަތުކުރެވޭ ވީޑިއޯއެއްގެ މައްސަލަ ފުލުހުންނާއި ޖޭއެސްސީން ބަލަމުންދާއިރު، ގާސިމް ވިދާޅުވީ އެ ވީޑިއޯގެ ފަހަތުގައި ތިބީ ކުރީގެ ރައީސް ނަޝީދާއި އޭނާގެ މަދަދުދާރުން ކަމަށެވެ. އަދި ނަޝީދުގެ ފަހަތްޕުޅުގައި ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން އެބަތިބި ކަމަށާއި އެ މީހުން ނަޝީދު ވިދާޅުވާ ގޮތަކަށް އެނބުރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މިގޮތަށް ވެގެން ގޮސް އެންމެ ފަހުން ބްލެކްމެއިލްކުރާ ހިސާބަށް ގެންގޮސްގެން މީހުން ތާށިކުރުވާފައި ތިބޭނީ. ފާޑުފާޑުގެ ކަންތައްތައް ކޮށްގެން. މިއަދު ވެސް ބަލާބަލަ ފަނޑިޔާރަކާ ބެހޭ ގޮތުން ނެރެގެން އުޅޭ ދޮގު ވީޑިއޯތަކާއި އެއްޗެހި. ދެން އެގޮތަށް ބްލެކްމެއިލް ކުރުވައިގެންނާއި އެގޮތް މިގޮތަށް ކަންތައްތައް ކުރުވައިގެން މި ބޭނުންވާ ގޮތަށް އޭނާ [ނަޝީދު] މަސައްކަތް ކުރަމުން މިގެންދަނީ،" މާމިގިލީ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ. އެފަދަ ކަންކަމުގެ ފަހަތުގައި ބޭރުގެ ބާރުތަކެއް ވެސް ވާ ކަމަށާއި އެއީ ރާއްޖޭގެ ހަރުމުދާ ހޯދުމަށާއި ރާއްޖެ އަށް އެހެން ދީންތައް ގެނެސް މިތަނުގައި ހަނގުރާމަ ކުރުވަން ބޭނުންވާ ބަޔަކު ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށް ވުމުން "ލަގޮނޑިއަށް" ކެތްނުވާ ބަޔަކު ވެސް އުޅެ އެވެ. ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޕޮލިހުން ބަލަމުންދާއިރު އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ގެންދަނީ ބަލަމުންނެވެ. އެކަމަކު އެއީ ދޮގު ވީޑިއޯއެއް ކަމަކަށް އެއްވެސް ފަރާތަކުން އަދި ބުނެފައެއް ނުވެ އެވެ. ވީޑިއޯގެ މައްސަލައިގައި އަލީ ހަމީދު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އަދި ގޯލްޑަން ލޭންގެ އެއް ޑިރެކްޓަރު މުހަންމަދު ސައީދު ވެސް ވަނީ ފުލުސް އޮފީހަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފަ އެވެ. ދައުލަތުގެ އިސް ވެރިންތަކެއްގެ އޮރިޔާން ވީޑިއޯ ބޭނުންކޮށްގެން ބްލެކްމޭލް ކުރުމާއި އޭގެ ވިޔަފާރިކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ ކުރީގެ އެޑްވައިޒަރު އަހުމަދު ފާއިޒް ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ