ރިޔާސީ ކެންޑިޑޭޓުންނަށް އިމްރާން ފާޑުވިދާޅުވެއްޖެ
ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީން ރޭ ލޮނުޒިޔާރަތްކޮޅުގައި ބޭއްވި "ބޮޑު ޖަލްސާ"ގައި އިމްރާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑު ތާއީދެއް އޮތީ ރާއްޖޭން ބޭރުންނާއި ރާއްޖޭގެ އެތަންމިތަނުން ސިހުރު ހަދާ މީހުން ގެނެސްގެން ސިހުރު ހަދާތީ ކަމަށެވެ. "ލަންކާއިންނާއި އިންޑިއާއިންނާއި ރާއްޖޭގެ އެ ތަންމިތަނުން މީހުން ގެނެސްގެން ސިހުރު ހަދައިގެން އެތައް އެއްޗެއް ކާންދިނުމުގެ ސަބަބުން މީނަ ކުރާ ހުރިހާ ނުބައެއް އެ މީހުންގެ ލޯ މަތިން އެއްފަރާތަށް ޖެހި، މީނަގެ ކިބައިން ތަރައްގީ އާއި ޑިމޮކްރަސީ ފެނި އޭނައަށްޓަކައި މަސްތުވެ މޮޔަވެ އޭނަގެ ފަހަތުން އެ ދުވަނީ،" އިމްރާން ވިދާޅުވި އެވެ. "ގިނަ މީހުންނަކީ ސިހުރު ޖެހިފައި ތިބި މީހުން، މީ މިގައުމުގެ ހާލަތަކީ." އެ ސިހުރުން ސަލާމަތްވުމަށް މަސައްކަތްކުރަންޖެހޭ ކަމަށާއި އެ ސިހުރުން ސަލާމަތްވެވެން އޮތީ ސެޕްޓެމްބަރު 7ގެ ވޯޓުން ކަމަށް އިމްރާން އިޝާރަތްކުރެއްވެވި އެވެ. ނަޝީދަކީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން ފޮނުވާފައިވާ އެޖެންޓެއް ކަމަށާއި ނަޝީދަށް ދޭ ވޯޓަކީ އިސްލާމް ދީން ފުހެލުމަށާއި ރާއްޖެ އަޅުވެތިކޮށް ނިކަމެތިކުރުމަށް ދޭ ފުރުސަތެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަޝީދަށް ދެއްވި ފުރުސަތުގައި ހެދި ގޮތް ފެންނަ ކަމަށާއި އޭނާ ރާ ބޯންދިން ކަމަށާއި އިސްލާމް ދީން ނައްތާލި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި ދައުލަތުގެ ހަރުމުދާ ވިއްކާލައި އޭގެ ފައިދާ އޭނާގެ އައުވާނުންގެ ޖީބަށް ލާފައިވާ ކަމަށާއި ޖީމްއާރަށް އެއާޕޯޓު ދީގެން 16 މިލިއަން ޑޮލަރު ޖީބަށް ލާފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވެވި އެވެ. ނަޝީދުގެ ކެންޑިޑޭޓް ނަންބަރު ހަތަރަކަށް އިޝާރަތްކުރައްވައި އިމްރާން ވިދާޅުވީ އެންމެ ބޮޑު އާބާދީ އޮންނަ ޗާއިނާގައި މީހުން ނަސީބާ ގުޅިފައިވާ އެއްވެސް ކަމެއްގައި ހަތަރު ނަންބަރު ނުލިޔާނެ ކަމަށެވެ. "އެހެން ހަތަރު ނަންބަރު ކެންޑިޑޭޓަށް ވޯޓުލުމަށް ޗައިނާގެ އެއްބިލިއަން މީހުން ކުރިމައްޗަށް ވައްޓާލައިފި ނަމަ އެކަކުވެސް ވޯޓެއް ނުދޭނެ،" އޭނާ ވިދާޅުވި އެވެ. ނަޝީދަށް މާ ބޮޑަށް ފާޑުވިދާޅުވެވޭތީ އަމިއްލަ ނަފުސާ ސުވާލުކުރައްވާ ކަމަށާއި ނަމަވެސް ނަޝީދާ ދޭތެރޭގައި ޒާތީ ކަމެއް، ދެކޮޅުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަޝީދުގެ ވާހަކަ ދައްކަވަން ޖެހެނީ ވޭތުވެ ދިޔަ އެތައް އަހަރެއްގެ ތެރޭގައި އެ މަނިކުފާނު ކޮށްފައިވާ ކަންތަކުންނާއި އެ މަނިކުފާނުގެ ލާދީނީ ސިޔާސަތުގެ ސަބަބުންނާއި ލާދީނީ އަމަލުގެ ސަބަބުން ކަމަށް އިމްރާން ވިދާޅުވި އެވެ. ރައީސް ވަހީދަށް ފާޑުވިދާޅުވަމުން އިމްރާން ވިދާޅުވީ ރައީސް ވަހީދަށް ބޮޑު ކޯލިޝަނެއް ނުހެދުނީ "ނުބައި ވަގުތެއްގައި ނުބައި ރަނިން މޭޓެއް ނެގުމުގެ ނަތީޖާއެއްގެ ގޮތުން" ކަމަށެވެ. ރައީސް ވަހީދަކީ ވަރަށް މައްޗަށް ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ގާބިލް ހިތްޕުޅު ހެޔޮ، ރަނގަޅު މިޒާޖެއްގެ ބޭފުޅަކަށް ވިޔަސް، މިފަދަ ވާދަވެރި ނުރައްކާތެރި ވަގުތެއްގައި ތަފާތު ވިސްނުމުގެ މީހުން ގޮވައިގެން ނުކުމެ، އަވަސް ފިޔަވަޅުތަކެއްގައި ރާއްޖެ ކުރިއަށް ގެންދިއުމުގެ ގާބިލްކަން އެ މަނިކުފާނުގެ ކިބައިގައި ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ކަންކަން ފެށުނުއިރު އެންމެ ބޮޑު ތާއީދު އޮތީ ރައީސް ވަހީދަށް ކަމަށް ވިޔަސް މިހާރު އެ މަނިކުފާނަށް "ފަސް ޕަސެންޓް ވޯޓް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން މިހާރު ނެތް" ކަމަށް އޭނާ ވިދާޅުވި އެވެ. "އެހެން ކަމުން އެއީ ޗޮއިސެއް ނޫން ކަމަށް އަޅުގަނޑުމެން ނިންމަންޖެހޭ،" އިމްރާން ވިދާޅުވި އެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ފާޑުވިދާޅުވަމުން އިމްރާން ވިދާޅުވީ "ޕީޕީއެމްގެ ކެންޑިޑޭޓް އަމިއްލަފުޅަށް ރައްޔިތުންނާ ބައްދަލުނުކުރެވި ރައްޔިތުންގެ އިހްސާސްތައް ނުހޯދި ރައްޔިތުންގެ ތާއީދު ނުހޯއްދެވުމުގެ ސަބަބުން އޭނާއަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންވެ މިހާރު އިންތިހާބު ގޮސް ހުއްޓިފައިވަނީ އެމްޑީޕީ އާއި ޖުމްހޫރީ ގުޅުމަށް ކަމަށް އިމްރާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ