ނަޝީދުގެ މައްސަލަ ހުށަހަޅާނެ ކޯޓަކާ މެދު ލަފައެއް ނުދެން: ސުޕްރީމް ކޯޓް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ސިފައިންގެ ބޭފުޅުންތަކެއްގެ މައްޗަށް ކުރާ ދައުވާ ހުޅުމާލޭ ކޯޓަށް ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދީގެން ނޫން ކަމަށް އެ ކޯޓުން ބުނެފި އެވެ. ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ އިބްރާހިމް ކަލޭފާނުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ވަނީ ހުޅުމާލޭ ކޯޓަށް ހުށަހަޅައިފަ އެވެ. މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަނޭޅީ އެ ކޯޓުގެ އިސް ގާޒީ އަކީ މި މައްސަލާގައި ހިމެނޭ ބޭފުޅަކަށް ވާތީ މަސްލަހަތު ފުށުއަރާނެތީ، ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ޚަބަރުތަކުގައި ބުނެފައިވިޔަސް ސުޕްރީމް ކޯޓުން ބުނީ އެފަދަ ލަފައެއް ޕްރޮސިކިއުޓާ ޖެނެރަލް އަށް ދީފައި ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެއްވެސް ލަފައެއް ދިން ކަމަށް ޕީޖީއަކުން ވެސް ބުނެފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން ބުނި ގޮތުގައި ޖިނާއީ މައްސަލަތައް ހުށަހެޅުމަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތާއި ބާރުތަކުގެ ތެރޭގައި އޮންނަ ކަމެކެވެ. ނަމަވެސް އަބްދުﷲ ގާޒީ އަށް ބިރު ދައްކައި، ޒިނޭގެ ތުހުމަތުކުރި މައްސަލައެއް ހުޅުމާލޭ ކޯޓްގައި ކުރިއަށް ގެންގޮސްފައި ވާއިރު އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ އެ ދައުވާގައި ބުނާ ހާދިސާއާ ގުޅިގެން ހެކިންގެ ގޮތުގައި ތިއްބެވީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ކަމަށް ވުމާ އެކު މަސްލަހަތު ފުށު އަރާތީ ސުޕްރީމް ކޯޓުން ދިން ލަފާގެ މަތިން ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ. ސުޕްރީމް ކޯޓުން ބުނީ ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގާނެ ކޯޓަކާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓާ މަޝްވަރާކުރައްވާފައި ނުވާ ކަމަށެވެ. ނަޝީދުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެކަށީގެންވާ ޖާގަ ނެތުމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ހޯލްގައި ބޭއްވޭތޯ މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ކުރަނީ، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށްނުކުރާ މީހަކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ. އެކުށުގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ 2،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނަޝީދުގެ ސަރުކާރުގައި އަބްދުﷲ ގާޒީ ބަންދުކުރުމާ އެކު އޭނާ ވަގުތުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އޭނާ ދޫކޮށްލާފައެއް ނުވެ އެވެ. އަބްދުﷲ ގާޒީ ދޫކޮށްލީ ފެބްރުއަރީ 7 ވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމުގެ ތަންކޮޅެއް ކުރިން ފުލުހުންގެ ތެރެއިން ބަޔަކު ގިރިފުއްޓަސް ގޮސްގެން އޭނާ މާލެ ގެނެސްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ