ފަތިސްހަނދުވަރުގެ ފެށުމާ މެދު ކުރެވޭ އުއްމީދުތައް ބޮޑުވެފައި

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ "ފަތިސްހަނދުވަރު" ގެ އަސްލަށް ކުރިން ގެނެސްދިން ފިލްމަކީ ބެލުންތެރިންގެ މެދުގައި އަދިވެސް ދިވެހިންގެ އެއް ވަނަ ބިރުވެރި ފިލްމެވެ. އެ ފިލްމުގެ ބިރުވެރި ހަނދާންތަކުން ދިވެހި ސިނަމާއާ ރައްޓެހި ބެލުންތެރިންގެ ސިކުނޑިތައް އަދިވެސް ސަލާމަތެއް ނުވެ އެވެ. ޖިނާ ލޮލުން ފޮނުވާލާ އަލިގަދަ ވިދުވަރަކާ އެކު ކުޑަދޮރުގެ ބިއްލޫރިތައް ތަޅާލާ މަންޒަރަކީ ފަތިސްހަނދުވަރުގެ "ކްލެސިކް" ޝޮޓެކެވެ. ބިންމާގެ މި ވާހަކައިގެ ޕްރިކުއެލް "ޖިނާ" ގެ އަސްލަށް ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދަމުން އަންނަ "ފަތިސްހަނދުވަރުގެ ފެށުން" ގެ މަސައްކަތް އެ ސްޓޫޑިއޯ އިން ވަނީ މިހާރު މެކުހަށް ޖަހައިފަ އެވެ. އަންނަ އަހަރުގެ ކުރީކޮޅު މި ފިލްމު ސިނަމާތަކަށް ނުކުންނާނީ ދިވެހި ފުރަތަމަ ތްރީޑީ ފިލްމުގެ ގޮތުގަ އެވެ. ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ މޮގާ ބުނީ ފިލްމުގެ އެޑިޓިންގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި ފެބްރުއަރީ މަހު ފިލްމުގެ ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ. މާލޭގެ އިތުރުން ރާއްޖެ ތެރޭގައި ވެސް "ފަތިސްހަނދުވަރުގެ ފެށުން" ތްރީޑީކޮށް ދެއްކުމަކީ އޭނާގެ ސްޓޫޑިއޯގެ އަމާޒެއް ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ސިނަމާތަކަށް ފަހު ދިވެހިން ގިނަ މެލޭޝިއާ ފަދަ ގައުމަކަށް ވެސް "ފަތިސްހަނދުވަރުގެ ފެށުން" ގެންދިއުމުގެ ވިސްނުން މޮގާ ގެންގުޅެ އެވެ. މޮގާ ބުނީ "ފަތިސްހަނދުވަރުގެ ފެށުން" އާ މެދު ކުރެވޭ އުއްމީދުތައް ވަރަށް ވެސް ބޮޑު ކަމަށާއި މި ފިލްމުގެ މަސައްކަތަށް ނުކުތް ޓީމު މިހާރު އޮތީ ކުރިއަށް ވުރެ ބޮޑު ޖޯޝެއްގައި ކަމަށެވެ. މޮގާ ބުނީ "ފަތިސްހަނދުވަރު" ދިވެހިން ބިރުގަންނަވާލި ފިލްމަކަށްވީ ގޮތަށް "ފަތިސްހަނދުވަރުގެ ފެށުން" ވެސް ވެގެންދާނީ އެކަހަލަ ފިލްމަކަށް ކަމަށެވެ. މޮގާ ބުނީ އޭނާގެ ފިލްމު އަދި މާ ބިރުވެރިވާނެ ކަމަށެވެ. އެގޮތުން ފިލްމުގެ ފެންވަރު ރަނގަޅުކުރުމަށް އޭނާގެ ސްޓޫޑިއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި، ހާއްސަކޮށް ފިލްމުގެ ޓެކްނިކަލް މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. މޮގާ ބުނީ ފިލްމުގެ ސީޖީ ވެސް ދިވެހި އާދައިގެ ފިލްމުތަކާ ތަފާތުވާނެ ކަމަށާއި އެކަން ބޮޑު ސްކްރީނުން ފެންނާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މިއީ ތްރީޑީ ފުރަތަމަ ދިވެހި ފިލްމަށް ވިޔަސް އާންމުކޮށް މި ފެންނަ ތްރީޑީ އުފެއްދުންތަކާ މާ ބޮޑު ތަފާތެއް ފިލްމުން ފާހަގައެއް ނުކުރެވޭނެ ކަމަށެވެ. "ފަތިސްހަނދުވަރުގެ ފެށުން" ތްރީޑީގެ މަސައްކަތް ޑާކް ރެއިން އިން މެކުހަށް ޖަހާފައިވާއިރު މޮގާ ބުނީ ގޮންޖެހުންތައް ވެސް ގިނަ ކަމަށެވެ. އެގޮތުން ތްރީޑީކޮށް ފިލްމު ސްކްރީންކުރަން ބަލާއިރު ހުރި ގޮންޖެހުންތައް ވަރަށް ވެސް ގިނަ އެވެ. ހާއްސަކޮށް ރަށްރަށުގައި ފިލްމު ތްރީޑީކޮށް ދައްކާނެ ގޮތެއް އަދި ނުވެސް ނެތެވެ. މޮގާ ބުނީ އެތީނާ ސިނަމާގެ އިތުރުން އޮލިމްޕަހުގައި ވެސް ތްރީޑީކޮށް ފިލްމު ދައްކަން ބޭނުން ކަމަށާއި ރަށް ރަށުގައި ފިލްމު ތްރީޑީކޮށް ދައްކަން ވިސްނަނީ ސީދާ ސްޓޫޑިއޯގެ ބެލުމުގެ ދަށުން ކަމަށެވެ. "ފަތިސްހަނދުވަރުގެ ފެށުން" ގައި ދައްކުވައި ދޭނީ "ފަތިސްހަނދުވަރު" ގައި ކިޔައިދިން ވާހަކަތަކުގެ މާ ކުރިން ހިނގާފައިވާ ހާދިސާތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ