ކެމްޕޭން މެނޭޖަރު: މައުމޫނު ނަޝީދަށް! ނަޝީދު ޔާމީނަށް!

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު (އަންނި) އެންމެ ފުރަތަމަ ސިޔާސީ ގޮތުން މަޝްހޫރު ވެގެން ދިޔައީ 1980 ވަނަ އަހަރުގެ ފަހުކޮޅު ނުކުތް ސިޔާސީ މަޖައްލާއެއް ކަމަށްވާ "ސަންގު" އާ އެކުގަ އެވެ. ސަންގު ވުޖޫދަށް ގެންނެވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގެންނެވި އެވެ. ސަންގުގެ ނުކުތް މަދު ޢަދަދު ތަކުގައި ނަޝީދު ވަނީ ގިނަ ލިޔުން ތަކެއް ލިޔުއްވާފަ އެވެ. އޭރު އޮތް ނޫސްވެރި ކަމަގެ މިނިވަން ކަމަށް ބަލާ އިރު، ސަރުކާރަށް ފާޑު ކިޔުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޮތީ މާނަ ކުރެވިފަ އެވެ. އެހެން ނަމަވެސް ސަންގު ވެގެން ގޮސްފައި ވަނީ އޭރު އޮތް ރައީސް މައުމޫނުގެ ސަރުކާރާ ސީދާ އިދިކޮޅު ޚިޔާލު ތަކާ ފާޑުކިޔުންތަކާ އެކު ނުކުތް މަޖައްލާ އަކަށެވެ.މީގެ ނަތީޖާއެއްގެ ގޮތުން ސަންގު މަޖައްލާގެ ޅަފަތުގައި، އޭރު އޮތް ރައީސް މައުމޫނުގެ ސަރުކާރުން އެ މަޖައްލާ ނެރުން މަނާ ކުރި އެވެ. މީގެ ސަބަބުން އަންނިގެ މަޝްހޫރުކަން އިތުރު ވެގެން ގޮސްފައިވެ އެވެ. މީހުންގެ މެދުގައި އޭނާގެ ވާހަކަތައް ދެކެވެން ފެށި އެވެ.1998 ވަނަ އަހަރު މުހައްމަދު ނަޝީދު އޭރުގެ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހަށް ނަޝީދު ހޮވިވަޑައިގަތުމުގައި، އޭރު ރައީސް މައުމޫނުގެ ސަރުކާރުގެ އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލެއްވުން ލިބިފައިވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެ ގޮތުން ބައެއް ބޭފުޅުން ނަޝީދުގެ ކެމްޕޭނުގައި މަސައްކަތް ކޮށްދެއްވި ކަމަށް ވެސް އަޑުތައް އިވިފައިވެ އެވެ.2000 ވަނަ އަހަރުގެ ކުރީކޮޅުގައި ވެލާނާގޭ ގޯތި ތެރެއިން ވަގަށް އެއްޗެހި ތަކެއް ގެންދެވި ކަމުގެ ތުހުމަތުގައި ނަޝީދުގެ މައްޗަށް ރައީސް މައުމޫނުގެ ވެރިކަމުގައި ދަޢުވާ އުފުލި އެވެ. އަދި އެ މައްސަލައިގައި ވައްކަމުގެ ކުށް ނަޝީދުގެ މައްޗަށް ސާބިތު ކުރެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނިގުޅި އަދަބު ލިބިވަޑައިގެންނެވިއެވެ. މި ދުވަސް ވަރު މި ތަހުގީގާއި ވެލާނާގޭ ގޯތި ތެރެއިން ނަޝީދު ނެންގެވި ކަރުދާސް ތަކެއްގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީ ތަކަށް އަރާފައިވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނަޝީދުގެ މަޝްހޫރުކަން އަނެއްކާވެސް އިތުރު ވެގެން ގޮސްފައިވެ އެވެ.2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ޖުމުހޫރީ މައިދާނުގައި އިންނަވަނިކޮށް ފުލުހުން ނަޝީދު ހައްޔަރު ކުރި އެވެ. އަދި މި މައްސަލައިގައި ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އާއި ދައުލަތާ އިދިކޮޅު ޢަމަލެއް ހިންގަން އުޅުނު ކަމުގެ ދަޢުވާ އުފުލި އެވެ. އަދި މި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން އެ ދެ މައްސަލަ ފަހުން އަނބުރާ ގެންދެވި އެވެ. އެހެން ނަމަވެސް މި ފަހަރު ނަޝީދަށް 11 މަސްދުވަސް ވަންދެން ގޭ ބަންދުގައި ހުންނަން ޖެހުނެވެ.ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް ކުރި އެންމެ ފަހު ދަޢުވާ އަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވި ދުވަހު ވޯޓުލާ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވެދެވަޑައިގެންފައިވާ ކަމަށް ބުނެ އުފުލި ދަޢުވާ އެވެ.މި ނޫނަސް ތަފާތު އެކި މަރުހަލާ ތަކުގައި ނަޝީދު ހައްޔަރުކޮށް އޭނާގެ މައްޗަށް އެކި ކަހަލަ ތަހުގީގުތައް ހިންގުން އެއީ ރައީސް މައުމޫނުގެ ސަރުކާރުގައި ވަރަށް ބޮޑަށް ޢާންމު ވެފައި އޮތް ކަމެކެވެ. ސަންގު މަޖައްލާ ނެރެން ފެށި ދުވަސް ވަރަށް ފަހު ނަޝީދުގެ މައްޗަށް ކޮންމެވެސް ދަޢުވާއެއް ނެތް ދުވަސް ވަރެއް މަދު ވާނެ އެވެ. ހައްޔަރެއްގައި ނެތް ދުވަސް ވަރު ވެސް މަދު ވާނެ އެވެ. ނަޝީދުގެ އުމުރުގެ ޒުވާނަކަށް ބަލާ އިރު އޭނާ އަށް ވުރެ ދިވެހި ޖަލުތަކާ ރައްޓެހި ބޭފުޅުން ވަރަށް މަދު ވާނެ އެވެ.ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، އެންމެ ފުރަތަމަ އެމަނިކުފާނު ޖަލަށް ލީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން 14 ފަހަރެއްގެ މަތިން ހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި އުޅުއްވަން ޖެހިވަޑައިގެންފައިވެ އެވެ.މި ހުރިހާ ހައްޔަރަކާ ބަންދު ކުރުމެއްގެ ތެރެއިން އެންމެ ފަހުން އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތައި ނަޝީދު ލޭބަލް ކުރެވިގެން ދިޔަ އެވެ. އެ ގޮތުގައި އޭނާ އަށް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ. މި ހުރިހާ ހާލަތެއް ނަޝީދުގެ ހަޔާތަށް މެދުވެރިކޮށް، ރައީސް މައުމޫނަށް ހުރި ނުރައްކަލަކަށްގެ ގޮތުގައި ނަޝީދު ފައްކާ ކޮށް ދިނީ ޚުދު ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގަ އެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން ބޭނުންވެފައި ތިބި ސިޔާސީންގެ ރަހުމްތެރިޔެއްގެ ގޮތުގައި ނަޝީދު ދައްކައި ދިނީ ރައީސް މައުމޫނެވެ. ނަޝީދު ހިމެނިފައިވަނީ މައުމޫންގެ ނިއުކުލިއަރ އިންޖީނުގޭގައި ފައްކާކުރި ނިއުކުލިއަރ ހަތިޔާރަށެވެ. ކުރު ކޮށް ބުނާ ނަމަ ބުނެވޭނީ، ނަޝީދަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުމަށް ޓަކައި ޚުދު ރައީސް މައުމޫނު އުފެއްދެވި ސިޔާސީ ކުޅިއެއް ކަމަށެވެ.މިހާރުގެ ސިޔާސީ ކުޅިބައި އަތުރާލާފައިވާ އިރު އެ ކުޅިގަނޑު ކުޅުއްވުމުގައި އެންމެ އިސްކޮށް ހުންނެވީ ރައީސް މައުމޫނުގެ އިހުސާންތެރިކަމުން މަޝްހޫރުކަން ހޯއްދެވި، މުހައްމަދު ނަޝީދު (އަންނި) ނުވަތަ ރައީސް ނަޝީދެވެ.މިހާރު އަނެއްކާ ވެސް މާޒީ ތަކުރާރުވަމުން އަންނަނީ ކަމަށް ހީވާން ފަށައިފި އެވެ. ރައީސް މައުމޫނު ދެއްކެވި ނަމޫނާއިން ރައީސް ނަޝީދު ޢިބުރަތެއް ހޯއްދަވަނީ ކަމަށް ވެސް ވެދާނެ އެވެ. އެއްގޮތް ކަންތައް ތަކެއް އެބަ ފެނެ އެވެ. ސިދާ ގޮތުންނާއި ނުސީދާ ގޮތެއްގައި ނަމަވެސް، އިދިކޮޅު ސިޔާސީން ޕްރޮމޯޓު ކުރުމުގެ ހަރަކާތްތަކެއް ރައީސް ނަޝީދުގެ ސަރުކާރުން ވެސް ކުރިޔަށް އެބަ ގެންދަވަ އެވެ.މި ގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ކަމަކީ ރައީސް މައުމޫނުގެ އެއްބަފާ ކޮއްކޯފުޅު، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސިޔާސީ މަޝްހޫރުކަން ރައީސް ނަޝީދުގެ ސަރުކާރުގެ ޢަމަލު ތަކުގެ ސަބަބުން އިތުރު ވެގެން ގޮސްފައިވާ ކަމެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި އެ މަނިކުފާނު ވެސް ނަޝީދަށް ސިޔާސީ ގޮތުން މަޝްހޫރު ކަން ހޯއްދަވައިދެއްވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރައްވާނެ ކަމަށް ޤަބޫލު ކުރަން ދައްޗެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ސަރުކާރުން ވެސް ޔާމީނަށް ސިޔާސީ ގޮތުން މަޝްހޫރުކަމެއް ހޯއްދަވައިދެއްވުމުގެ ޤަސްދުގައި އެއްވެސް ހެޔޮ ކަމެއް ކޮށްދެއްވާނެ ކަމަށް ޤަބޫލު ކުރެވޭނެ ޖާގައެއް ނެތެވެ.ނިޔަތާއި މަޤުޞަދު އޮތީ ކޮންމެ ގޮތަކަށް ނަމަވެސް، ރައީސް މައުމޫނުގެ ސަރުކާރުން އޭރު ބައެއް ކަންކަމުގައި ފިޔަވަޅު އަޅުއްވާފައިވާ ގޮތުގެ ސަބަބުން ނަޝީދަށް އިތުރު މަޝްހޫރުކަން ލިބިފައިވެ އެވެ. ނަޝީދު އޭރު ޖެއްސެވި މީޑިއާ ސްޓަންޓް ތަކުގައި މައުމޫނުގެ ސަރުކާރުން ވަރަށް ރީއްޗަށް ޖެހިގެން ގޮސްފައިވާ ފަހަރު ވެސް ގިނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެއްގޮތުން ނޫނީ އަނެއް ގޮތުން ވެސް ސިޔާސީއެއްގެ ގޮތުގައި ނަޝީދުގެ މޫނު ރައްޔިތުންގެ ކުރިމައްޗަށް ދައްކަވައިދެއްވީ ރައީސް މައުމޫނު ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަ އެވެ.ހަމަ މި އުސޫލުން ބަލާ އިރު، ނިޔަތާއި މަޤުޞަދު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ރައީސް ނަޝީދުގެ ސަރުކާރުން މި ފަހަކަށް އައިސް ޔާމީނާ މެދު ޢަމަލުތައް ކުރައްވާފައިވާ ގޮތުގެ ސަބަބުން އޭނާ މޫނު ސިޔާސީ ލީޑަރެއްގެ ގޮތުގައި، ރައީސް ނަޝީދަށް ރައްޔިތުންގެ ކުރިމައްޗަށް ދައްކުވައި ދެވެނީ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ރައީސް މައުމޫނު ރައީސް ނަޝީދު ސިޔާސީ ގޮތުން ދޮން ކުރައްވައި ފައްކާ ކޮށްދެއްވި ފަދައިން ރައީސް ނަޝީދު ޔާމީނު ދޮން ކުރައްވައި ފައްކާ ކުރައްވަނީ ކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ.މި ސިފަ ކުރުން ތަކަށް ބާރު ލިބިދޭ ކަންތައް ތަކެއް ދާދި ފަހުން ވަނީ ހިނގާފަ އެވެ. ޔާމީން ހައްޔަރު ކޮށްގެން ދޫނިދޫ ޖަލަށް ގެންދެވުމެވެ. ޔާމީނު ހައްޔަރުކޮށްގެން ގެންގޮސްފައި ވަނީ، ސިފައިންގެ ވެރިޔާ އަދި ކޮމާންޑަރ އިން ޗީފް ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ މުހައްމަދު ނަޝީދުގެ ސީދާ އަމުރު ފުޅަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ރަށް، އާ ރަށުގައި ޔާމީން އެތައް ދުވަސް ތަކެއް ވަންދެން "އެކަހެރި" ކުރެއްވީ ޤައުމީ ސަލާމަތާއި ޔާމީނުގެ އަމިއްލަފުޅު ސަލާމަތަށް ވެސް ނުރައްކާ ވެގެން ކަމަށްވެ އެވެ. މި ކަމާ ގުޅިގެން އާ ރަށުގެ އެކަހެރިކަމުން މިނިވަންވެވަޑައިގަތުމަށް ފަހު ޔާމީނު އަމިއްލަފުޅަށް ވެސް ވަނީ އެ ކަމަކީ ރައީސް ނަޝީދު އޭނާ އަށް ހޯއްދަވައިދެއްވި އިތުރު މަޝްހޫރު ކަމެއް ކަމަށް ސިފަ ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަން ނިމިގެން ދިޔަ އިރު އެންމެ ސީނިއަރ ވަޒީރުންގެ ތެރޭގައި ޔާމީން ހިމެނިވަޑައިގެންނެވި ނަމަވެސް، އޭނާ އަކީ އޭރު ޢާންމު މީހުންގެ މެދުގައި މަޤުބޫލުކަން ކުޑަ ބޭފުޅެކެވެ. ޔާމީނު ފާހަގަ ވެގެން ގޮސްފައި ވަނީ މީހުންނާ ބީރައްޓެހި އަދި މީޑިއާ އާ ވެސް ނުރައްޓެހި ބޭފުޅެއްގެ ގޮތުގަ އެވެ.ޔާމީނަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އޭނާގެ މަޝްހޫރު ކަމާއި މަޤުބޫލުކަން އިތުރު ވާނެ އެއްވެސް ކަމެއް ގަސްދުގައި ކުރެއްވުމަކީ ރައީސް ނަޝީދު ބޭނުން ފުޅުވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ޤަބޫލު ކުރަން ޖެހެ އެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ރައީސް ނަޝީދަށް ވެސް މަޤުބޫލު ކަމާއި މަޝްހޫރުކަން ލިބިވަޑައިގަތީ ރައީސް މައުމޫނު އެކަން ބޭނުންފުޅު ވެގެން ނޫން ކަމަށް ޤަބޫލު ކުރެވޭ ފަދައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ