އާޒިމާ ނާޝިޒްގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުން ސައްހަ ނޫން ކަމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ޑީއާރުޕީގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމްގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ރޭ ހުކުމްކުރި ނަމަވެސް އެއީ ސައްހަ ނިންމުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން ފާސްކޮށްފި އެވެ. އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި އެބޭފުޅުންގެ ޣައިރު ހާޒިރުގައި ހުކުމްކުރެއްވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ އިތުރުން ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ. މި މައްސަލައިގައި ރައުޔު ތަފާތުވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަބްދުﷲ އަރީފެވެ. އެ ދެ ބޭފުޅުންގެ ރައުޔަކީ އާޒިމާއި ނާޝިޒްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އެހެނިހެން ބޮޑެތި މައްސަލަތަކުގައި އަބަދުވެސް ރައުޔު ތަފާތުވާ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެ މައްސަލައިގައި ވަކި ގޮތަކަށް ރައުޔެއް ނުނެރުއްވަ އެވެ. ނަމަވެސް އޭނާ ވަނީ ކޯޓުގައި ދިމާވާ ގިނަ ދަތިތަކުގެ ވާހަކަތައް ޝަރީއަތުގައި ހާމަކުރައްވައިފަ އެވެ. މި ހުކުމާ ގުޅިގެން ރޭ ބޭއްވި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ އެއީ ސައްހަ ނިންމުމެއް ނޫން ކަމަށާއި ނާޝިޒާއި އާޒިމްގެ ގޮނޑި ހުސްނުވެ ދެމިގެންދާނެ ކަމަށެވެ. "އެ ދެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި، އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ބޭއްވިތާ ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައި ވަނިކޮށް، އަވަސް އަރުވާލައިގެން، އެ ދެ ބޭފުޅުންގެ ޣައިރު ހާޒިރުގައި އެ މައްސަލައިގައި މިއަދު ހުކުމް ކުރެއްވުމުން މި ފެނިގެންދަނީ، އަންނަ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގައި ވަޒީރެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާ ކުރެވިފައިވާތީ، އެކަމަށް ހުރަސްއެޅުމުގެ ގޮތުން ވަރަށް ބޮޑަށް ސިޔާސީ ވިސްނުމެއްގައި ހިންގަވާފައިވާ ޢަމަލެއްގެ ގޮތުގައެވެ،" މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައިވެ އެވެ. އެ ބަޔާނުގައި ބުނީ ނާޝިޒާއި އާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މުއުތަސިމަށް އެ މައްސަލައިގެ ބަޔާންތައް ލިބިވަޑައިގަތީ ހުކުމް އިއްވަން ޝެޑިއުލް ކުރި ދުވަހުގެ ކުރީ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އެހެންވެ މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު ހޯމަ ދުވަހު ރައުޔު ތައްޔާރު ކުރެއްވުމުގެ ފުރުސަތަށް އެދިވަޑައިގަތުމުން، އެ ފުރުސުތު އޭނާ އަށް ނުދެއްވައި ހުކުމް ކުރީ އެ ފަނޑިޔާރުގެ ރައުޔު ނެތިކަމުން، އެއީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އިޖުރާއާތުގެ ބޭރުން ކުރި ހުކުމެއް ކަމަށް ފެންނަ ކަމަށް ވެސް މަޖިލީހުގެ ބަޔާނުގައިވެ އެވެ. މި މައްސަލާގައި ހުކުމް އިއްވި އިރު މުއުތަސިމް ވަނީ ޝަރީއަތުގެ މަޖިލީހުގައި އެ ވާހަކަތައް ހާމަކުރައްވައިފަ އެވެ. ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅީ ގާނޫނީ ވަކީލް މުހައްމަދު ހަލީމެވެ. އޭނާ އެ މައްސަލަ ހުށަހެޅުއްވީ ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ނަންގަވާފައިވާ ލޯނުތަކެއް ކޯޓުގެ ހުކުމާ އެއްގޮތަށް އަނބުރާ ނުދެއްކެވި މައްސަލައިގަ އެވެ. އެ ލޯނުތަކަށް ފައިސާ ނުދައްކަވައިގެން އެ ލޯނުގެ ރަހުނުތައް ވިއްކާލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ކޯޓުން ނިންމާފައިވަނީ ފައިސާ ނުދެއްކިއްޖެ ނަމަ ލޯނަށް ގެރެންޓީ ދިން ފަރާތުން ވެސް އެ ލޯނުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ