2018 ގެ ވޯލްޑް ކަޕަށް ފަހު ކަޕެއްލޯ ރިޓަޔާކުރަނީ

މޮސްކޯ (އޭޕްރިލް 22) - ރަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރާނެ ކަމަށް ރަޝިއާގެ ކޯޗު އިޓަލީގެ ފަބިއޯ ކަޕެއްލޯ ބުނެފި އެވެ. "ރަޝިއާގެ ކޯޗުގެ މަގާމަކީ އަހަރެންގެ ފަހު ވަޒީފާ. އަހަރެންގެ އުމުރުން 71 އަހަރު ވާނެ 2018 ވަނަ އަހަރު. އެހެންވީމާ އެ އަހަރުގެ ވޯލްޑް ކަޕަށް ފަހު އަހަރެން ރިޓަޔާކުރާނަން،" ކަޕެއްލޯ ބުންޏެވެ. ކަޕެއްލޯ ވަނީ 1987 ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ ބޮޑެތި ޓީމުތައް ކަމަށްވާ އޭސީ މިލާނާއި ރެއާލް މެޑްރިޑާއި ޔުވެންޓަސް އާއި ރޯމާ އަދި އިންގްލެންޑުގެ ގައުމީ ޓީމަށް ކޯޗުކޮށްދީފަ އެވެ. މީގެ ތެރެއިން މިލާނަށް 1994 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. ކަޕެއްލޯ ބުނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ރަޝިއާ އިން އެންމެ ދަށްވެގެން ކުއާޓާ ފައިނަލުން ޖާގަ ހޯދަން ޓާގެޓްކޮށްފައިވާ ކަމަށެވެ. "އަހަރެން ބޭނުންވަނީ ދަށް ވެގެން ކުއާޓާ ފައިނަލަށް ދަތުރުކުރަން. އެކަމަކު މޮޅަށް ކުޅެފި ނަމަ ސަޕްރައިޒެއް ފެނިދާނެ،" ރަޝިއާ އަށް ބޮޑު ކާމިޔާބެއް ހޯދިދާނެ ކަމަށް އިޝާރާތްކުރަމުން ކަޕެއްލޯ ބުންޏެވެ. "ކާކު ހީކުރީ އަހަރެމެން ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދާނެކަމަށް. އެކަމަކު އެކަން ވެސް ހާސިލްވި." ކަޕެއްލޯ ބުނީ 2002 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ނުކުންނައިރު ރަޝިއާގެ ކުޅުންތެރިން ތިބީ ރަނގަޅު ކާމިޔާބެއް ހޯދަން ކެތްމަދުވެފައި ކަމަށާއި އޭނާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާނެ ކަމަށެވެ. ޔޫރަޕުގެ ގިނަ ގައުމުތައް އެކުވެ ސޯވިއެޓް ޔޫނިއަނުގެ ނަމުގައި އޮތް ދުވަސްވަރު ރަޝިއާ އަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ބާރެކެވެ. އެކަމަކު ސޯވިއެޓް ޔޫނިއަން ރޫޅުނު ފަހުން ރަޝިއާ އަށް ފުޓްބޯޅައިގެ މާބޮޑު ކާމިޔާބެއް ނުހޯދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ