މާފަރު ރައްޔިތުން ކުރަމުންދާ މުޒާހަރާއާ މަނަދޫ މީހުން ވެސް ގުޅިއްޖެ

ނ. މާފަރުގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓް ހެދުން ލަސްވާތީ އާއި އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށް ބުނެ އެރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާއާ އެ އަތޮޅު މަނަދޫ މީހުންވެސް ގުޅިގެއްޖެއެވެ.
މިދިޔަ ހަފުތާއިން ފެށިގެން މާފަރު ރައްޔިތުން ކުރަމުންދާ މުޒާހަރާއާ އެންމެ ފަހުން ގުޅުނު މަނަދޫ މީހުން މުޒާހަރާއާ ގުޅިފައިވަނީ މިއަދު 10:30 ހާއިރުކަމަށް މުޒާހަރާގައި ބައިވެރިވުމަށް ދިޔަ މީހުން ބުންޏެވެ.
އޭނާ ބުނިގޮތުގައި މާފަރު ރައްޔިތުން ކުރަމުންދާ އިހުތިޖާޖާ ގުޅުމަށްޓަކައި މަނަދޫން 70 އަށްވުރެ ގިނަ މީހުން ވަނީ އެރަށަށް އަރާފައެވެ. އެމީހުން ދަތުރުކުރީ ރަށު ކައުންސިލުން ކުއްޔަށް ހިފި ދޯންޏެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
" ވަރަށް ފޯރީގައި މީހުން ތިބީ. މަނަދޫ މީހުނ މުޒާހަރާއާ ގުޅުނީ މާފަރު ރައްޔިތުންނާއެކު ތިބިކަން ހާމަކުރަން. މާފަރަށް އައި މީހުންގެ ތެރޭގައި ބޮޑު ދެޕާޓީގެ މީހުން ހިމެނޭ،" ހުސައިން އަހުމަދު ކިޔާ މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި މަނަދޫ ކައުންސިލުން ވަނީ މާފަރު ރައްޔިތުންގެ މަސައްކަތަށް ތާއިދުކުރާ ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައެވެ.
މާފަރުގައި ކުރަމުންދާ މުޒާހަރާގައި މިހާތަނަށް ފަސް ރަށެއްގެ ބަޔަކު ގުޅިފައިވާއިރު މާފަރު ރައްޔިތުންގެ ގޮވާލުމަށް އެދެވޭ ޖަވާބެއް އަދި ނުލިބޭކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާފަރުގައި އެޅުމަށް ހަމަޖައްސާފައިވާ އެއާޕޯޓަކީ ރައީސް މައުމޫނު ސަރުކާރުން ހަވާލުކޮށްފައިވާ ތަނެކެވެ. ރިސޯޓް ހެދުމަށް ފަޅު ރަށެއް ދިނުމަށް ފަހު އެއާޕޯޓް ހެދުމަށް ހަވާލުވީ ޔުނިވާސަލް ކަމަށ ވެއެވެ. އެމަޝްރޫއު ހަވާލު ކުރިތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެގެންދިޔަ އިރުވެސް މަސައްކަތް ވަނީ ނުފެށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ