ޔާމީނަށް ތާއީދު ކުރަން ނިންމީ ޖޭޕީގެ މެނިފެސްޓޯއާ އެއްގޮތް ކަމުން: ގާސިމް

ޖުމްހޫރީ ޕާޓީން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރަން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯއާ އެއްގޮތް ގިނަ ކަންތައްތަކެއް އެ ޕާޓީގެ މެނިފެސްޓޯގައި ހިމަނާފައި ވާތީ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާ ޖުމްހޫރީ ޕާޓީ ގުޅިގެން މާފަންނު ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އާއި އެ ޕާޓީގެ މެނިފެސްޓޯއާ ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި ކަމަށާއި ނަމަވެސް ޕީޕީއެމްގެ މެނިފެސްޓޯގައި އެ ޕާޓީގެ މެނިފެސްޓޯގައި ހުރި ގިނަ ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ރިއާޔަތް ކުރުމަށް ފަހު އިތުރު ބަހުސަކާ ނުލައި ޔާމީނަށް ތާއީކުރައްވަން ޕާޓީގެ ކައުންސިލުން ނިންމީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"...ޖުމްހޫރީ ޕާޓީން އަޅުގަނޑުމެން ނެރެފައި އޮތް ފާޅުކޮށްފައި އޮތް ޝުއޫރުތަކާއި މިދެންނެވި ކަންތައްތަކަށް ބެލި އިރު އެންމެ ބޮޑަށް ގާތް ވަނީ، ވަރަށް ގިނަ ކަންތައްތައް އެއްގޮތް ވަނީ ޕީޕީއެމްގެ މެނިފެސްޓޯއާ. އެމްޑީޕީގެ މެނިފެސްޓޯގައި ވެސް ހުރި ބައެއް ކަންތައްތައް އެއްގޮތްވާ އެހެންނަމަވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ހުރި. އެކަމަށް ބެލުމަށް ފަހު އިތުރު ބަހުސަކާ ނުލައި 20 ބޭފުޅުން ތިއްބެވި ތަނަކުން 15 ވޯޓު ލިނިގެން ފާސްކުރީ ޕީޕީއެމަށް ތާއީދު ކުރަން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ރޭ ވަނީ އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކަށާއި ފުރަތަމަ ބުރުގައި އެމަނިކުފާނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޔާމީނަށް ވޯޓުދެއްވުމަށް އާދޭހާ އެކު ދަންނަވާފަ އެވެ. ޔާމީނަށް ވޯޓު ދެއްވަން ޖެހެނީ ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށް ޓަކައި ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ މާތްﷲ ރަހުމަތްފުޅުން އެކަތިގަނޑަކަށް ވެގެން މިކަން ކާމިޔާބު ކުރަން. އަޅުގަނޑު އެދެނީ ޖުމްހޫރީ ޕާޓީ އަށް ތާއީދު ކުރާ ބޭފުޅުންނާއި އަޅުގަނޑުގެ އާއިލާ އާއި އަޅުގަނޑަށް ހެޔޮ ކަމެއް ކުރެވުނު ބޭފުޅަކު ނަމަވެސް އަބްދުﷲ ޔާމީނަށް ވޯޓު ދެއްވުން. މިއީ އަޅުގަނޑުގެ އާދޭސް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެ ދެ ޕާޓީއާ ގުޅިފައިވާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. އެކަމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލުތައް އެނގޭނީ އެ އިންތިޚާބުތައް ކައިރިވުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ގާސިމް އެޕާޓީގެ ކެންޑިޑޭޓަށް ތާއީދު ކުރެއްވިކަމަށް ޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ސަލާމަތީ ބާރުތަކާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހައްގުތައް ރައްކާތެރިކޮށް ގާނޫނީ ގޮތުން ލިބެން ޖެހޭ ހިމާޔަތް ފޯރުކޮށްދޭނެ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ވެސް ސަރުކާރުގެ ހިއްސާ އޮންނާނެ ކަމަށާއި އެކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ ޖުމްހޫރީ ޕާޓީއާ ވާހަކަ ދައްކައިގެން އެ ޕާޓީން ވެސް ހިތްހަމަ ޖެހޭ ގޮތަށް ކަންތައް ހަމަޖެއްސުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ