ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަށް އެކައުންޓް ފްރީޒު ކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގޯސް އަމުރެއް ކަމަށް ސުޕްރީމް ކޯޓުން ވެސް ކަނޑައަޅައި، މިއަދު ހުކުމްކޮށްފިއެވެ. ކުރިމިނަލް ކޯޓުން އަމުރުކޮށްފައި އޮތީ އިސްލާމިކް ބޭންކްގައި އޮތް ރައީސް ޔާމީންގެ އަށް އެކައުންޓް ފްރީޒު ކުރުމަށެވެ. 
ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނީ ދައުލަތުގެ ފަރާތުން އެގޮތަށް އެދުމުންނެވެ. ނަމަވެސް އެ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އަމުރު ބާތިލްކޮށްފައެވެ. އަމުރު ބާތިލްކުރީ ޖިނާއީ އިޖުރާއަތުގައިވާ އުސޫލުތަކާ ހިލާފަށް އަމުރު ހޯދާފައިވާ ކަމަށް ބުނެއެވެ. އެއީ ފްރީޒު ކުރުމުގެ އަމުރުގެ ކުރިން އެކައުންޓް މޮނީޓާކުރުމުގެ އަމުރެއް ހޯދާފައިވާނުވާތީއެވެ. 
ހައިކޯޓުގެ އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، އަމުރުގެ ދިފާއުގައި ވާކާލާތުކުރިއެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވެސް ނިންމީ ދައުލަތާ ދެކޮޅަށެވެ. އެހެންނަމަވެސް މައްސަލާގައި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނު މަނާ ކުރި ގޮތް ގޯސް ކަމަށް ވަނީ ކަނޑައަޅާފައެވެ. 
އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފްރީޒު ކުރުމުގެ އަމުރަކަށް އެދޭއިރު މޮނީޓަރިން އަމުރަކަށް ކުރިން އެދިފައި އޮތުން ލާޒިމް ނޫން ކަމަށް ކަނޑައެޅިއެވެ. އޭގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައިވާ ގޮތުން ކޯޓު އަމުރެއް މެދުވެރިކޮށް ނުވަތަ ލިޔުމަކުން ބޭންކްގައި އެދިގެން، ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި، ޑިޕޮސިޓްތަކާއި، ޓްރަސްޓްތަކާއި، ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތުތައް ހޯދިދާނެ ކަމަށް ބަޔާންކުރާ ކަމަށެވެ. ލިޔުމުން އެކައުންޓްގެ މައުލޫމާތު ހޯދިދާނެ ކަމަށް ބަޔާންކުރީ ތަހުގީގުގެ ރާސްތާ ކުރުމުގެ ނިޔަތުގައި ކަމަށެވެ. 
ފަނޑިޔާރު ހުސްނުއް ސުއޫދު އިއްވެވި ހުކުމްގައި ބުނީ، އެކައުންޓެއް ފްރީޒު ކުރުމަށް ގާޒީގެ ކުރި މައްޗަށް ދިޔުމުން އެ މައުލޫމާތަކީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ބޭންކުުގައި ލިޔުމުން އެދިގެން ހޯދި މައުލޫމާތެއްތޯ ފަރަގުކުރުމަކީ މަގުސަދު ނޫން ކަމަށެވެ. އޭގެ ބަދަލުގައި ގާނޫނުގެ މަގުސަދަކީ ކޯޓަށް އެ މައުލޫމާތު ހުށަހެޅުން ކަމަށެވެ. އަދި އެ ހެއްކަށް ރިއާޔަތްކޮށް އެކައުންޓް ފްރީޒު ކުރާނެ ތަނެއް އޮތްތޯ ގާޒީ ބެލުން ކަމަށެވެ. 
ހުކުމްގައި ބުނީ ފްރީޒު ކުރަން އެދެވޭނީ ދައުލަތަށް ނެގިދާނެ ކަމަށް ގަބޫލު ކުރެވޭ ފައިސާތައް ކަމަށެވެ. ކުށުގެ ތުހުމަތުވާ ފައިސާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ އެކައުންޓްގައި ހުރި ނަމަވެސް އެދެވޭނީ އޭގެ ތެރެއިން ތުހުމަތުވާ ފައިސާ އެކަނި ފްރީޒު ކުރުމަށް ކަމަށެވެ. އަދި މީހެއްގެ ހުރިހާ އެކައުންޓެއްގައި ހުރި ހުރިހާ ފައިސާއަކާމެދު ތުހުމަތުވާނަމަ އެކަމެއް ވެސް ލިޔުމުން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް ހުކުމްގައިވެއެވެ. 
ނަމަވެސް ރައީސް ޔާމީންގެ މުޅި މިލްކިއްޔާތު ފްރީޒުކޮށްފައިވަނީ އެއާ ހިލާފަށް ކަމަށް ހުކުމްގައި ފާހަގަކުރިއެވެ. އެގޮތުން ރައީސް ޔާމީން އާއި އޭސީސީއާ ދެމެދު ހަދާފައިވާ އެސްކްރޯ އެކައުންޓަށް ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކުން އެއް މިލިއަން ރުފިޔާއާ މެދު ޝައްކު އުފެދޭއިރު އެ ފައިސާ އާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެހެން ފައިސާތަކާ ގުޅޭ ގޮތެއް ދައުލަތުން ކުރިމިނަލް ކޯޓުގައި ވެސް އަދި ހައިކޯޓުގައި ވެސް ބަޔާންކޮށްފައިވާ ނުވާ ކަމަށެވެ. އަދި އަށް އެކައުންޓްގައި ހުރި ފައިސާއާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާއާ ގުޅޭ ގޮތެއް ވެސް ބަޔާންކޮށްފައިވާ ނުވާ ކަމަށެވެ. 
އެހެންކަމުން ރައީސް ޔާމީންގެ އަށް އެކައުންޓް ފްރީޒު ކުރުމަށް ނެރެފައިވާ އަމުރަކީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުއަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން ތާއިދު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ