ދަރަނި ނެގުމުގެ ކުރިން ދަރަނި ދެއްކޭނެ ގޮތް ރައީސް ޔާމީން ޤާއިމް ކުރެއްވި: ކުރީގެ މެމްބަރު ޑރ. ޚަލީލް

ދަރަނި ނެގުމުގެ ކުރިން ދަރަނި ދެއްކޭނެ ގޮތް ރައީސް ޔާމީން ޤާއިމް ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 
ޑރ. ޚަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ  ދަރަނި ނެގުމުގެ ކުރިން، ދަރަނި ދެއްކޭނެގޮތް ޤާއިމްކުރެއްވުމަށްޓަކައި ރައީސް ޔާމީން އުފެއްދެވީ ސޮވެރިން ފަންޑެއް ކަމަށެވެ. މިފަންޑު އުފެއްދުމުގެ ބޭނުމަކީ ސޮވެރިން ޑިފޯލްޓަކަށް ނުދާނެކަން ކަށަވަރު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ ފަންޑެއް އޮތުމުން ރައްޔިތުންނަށް ބުރައެއް ނެތްކަމަށް ފާހަގަ ކުރެއްވިއެވެ.
މިހާރުގެ ސަރުކާރުން ރައްޔިތުންގެ ބޮލުގައި ބޮޑެތި  ދަރަނި އަޅުވާއިރު، ދަރަނި ދައްކާނެ އެއްވެސް ސްޓްރެޓެޖީއެއް ނެތްކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. ދަރަނީގެ ސަބަބުން ބޮލުގައި ރިހުން އޮތީ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 
މިސަރުކާރުން އަންނަނީ އިންޑިއާއިން ގިނަ ޢަދަދަކަށް ލޯނު ނަގަމުންނެވެ. ކުރީގެ ސަރުކާރުގެ ފަސް އަހަރާ ނުބައްދަލު ދަރަނި މިސަރުކާރު ދެ އަހަރު ތެރޭގައި އުފައްދައިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވަނީ  އިންޑިއާއިން ނަގާ ލޯނުތައް ދަރަނީގެ ދަންތުރައަކަށް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ