ޖިހާދުގެ ޕާސްޕޯޓް ނުހިފެހެއްޓޭނެކަމަށް ކުރި ޢަމުރު ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފި

ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާޠިލް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ޖިހާދުގެ ޕާސްޓްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ހައިކޯޓުން ބާޠިލުކުރުމާ ގުޅިގެން އެނިންމެވުމާމެދު ހިތްހަމަނުޖެހޭތީ، އެޤަޟިއްޔާ އިލްތިމާސް ކޮށްދެއްވުންއެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލާގައި ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުންވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 25ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.
ޖިހާދުގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނިވެފައިވާކަމަށް ތަހްޤީޤުން ވަނީ ހާމަކޮށްފައެވެ. މިމައްސަލާގައި ޖިހާދުގެ މައްޗަށް ދަޢުވާކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
ކްރިމިނަލް ކޯޓުން އެގޮތަށް އަމަލްކުރީ ބޭރަށް ވަޑައިގެންފި ނަމަ އެމަނިކުފާނު ފިއްލަވާފާނެކަމުގެ ފުރުސަތު އޮތުމުންނެވެ. ކްރިމިނަލް ކޯޓްގެ އެޢަމުރު، ޖިހާދުގެ ފަރާތްޕުޅުން ހައިކޯޓްގައި އިސްތިއުނާފްކުރުމުން، އެކޯޓުން މިއައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފަޤުން މިއަދު ކުރި ޙުކުމުގައި ވަނީ ޖިހާދުގެ ފަރާތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފާރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކްރިިނަލްކޯޓުން ކޮށްފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ. އެހެންކަމުން، އެއަމުރަކީ ބާޠިލު ޢަމުރެއްކަމަށްވެސް ހައިކޯޓުން ކުރި ޙުކުމުގައިވެއެވެ.
ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓްގައި އުފުލާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ 5 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ