ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އަބްދުﷲ ޒިޔަތަކީ ފާސިޤުން ކަމުގައި ބެލެވޭނެ ކަމަށާއި އެހެން ކަމުން އެ ދެމީހުންގެ ހެކި ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށާއި އެހެން ކަމުން ރައީސް ޔާމީނާއި ދެކޮޅަށް އެ ދެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވާ މަޖިލީހުގައި ފަނޑިޔާރު ޝަހީދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ޝަހީދު މިހެން ވިދާޅުވީ މި މައްސަލާގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުންނެވެ. މީގެ އިތުރުން ޝަހީދު ވިދާޅުވީ ކުރީގެ ނައިބުރައީސް އަޙްމަދު އަދީބަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ޢާއިލާއަށް ބޮޑު ގެއްލުމެއް ދިނުމަށް އުޅުމުގެ ކުށް ސާބިތުވި މީހެއް ކަމުގައިވާތީ އޭނާގެ ހެކިބަހަކީ ޢަދާވާތްތެރިކަން އޮތް ފަރާތެއް ދޭ ހެކިބަހެއް ކަމުގައިވާތީ ރައީސް ޔާމީނާ ދެކޮޅަށް އަދީބުގެ ހެކި ބަސް ބޭނުންނުކުރެވޭނެކަމަށެވެ.
އަދި މީގެ އިތުރުން އަޙްމަދު އަދީބާއި ޢަބްދުﷲ ޒިޔަތުގެ ހެކިބަހަށް ކުރިމިނަލް ކޯޓުން ހެކިބަސް ދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފަށް ކަމުގައި ފަނޑިޔާރު ޙުސައިން ޝަހީދު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހުކުމް އިއްވުމުގައި އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އެކަށީގެންވާ ބައްޔިނާއެއް ނުވަތަ އިތުރު ހެއްކެއް މި މައްސަލާގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ފެންނަން ނެތް ކަމަށް ޝަހީދު ފާހަގަކުރެއްވިއެވެ.
އަދީބާއި ޒިޔަތުގެ ހެކިބަސް ރައީސް ޔާމީނާއި ދެކޮޅަށް ބޭނުން ނުކުރެވޭނެ ކަމަށް މީގެކުރިން އެމަނިކުފާނުގެ ވަކީލުންވެސް ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ފާހަގަކޮށްފައިވެއެވެ.
އަދީބާއި ޒިޔަތަކީ ފާސިޤުން، އެމީހުންގެ ހެކިބަސް ބަލައިނުގަނެވޭނެ: ފަނޑިޔާރު ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ