ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހައްޔަރުކޮށްފި އެވެ.
އަލީ ހުސައިން މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާގެ ބައިވެރިންނާއެކު އަޑުއުފުލުމަށް ހުންނެވުމަށްފަހު މަގުމައްޗަށް ނިކުންނެވި ވަގުތު މަޖީދީ މަގުންނެވެ.
ގާނޫނީ ވަކީލް އަލީ ހުސައިން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ތިބި ތަނަށް ޕެޕާ ސުޕްރޭ ޖަހާފަ އެވެ.
އަލީ ހުސައިން ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލެއްގައި މިހާރު ވަނީ ފުލުހުންގެ މައި މަރުކަޒަށް ގެންގޮސްފަ އެވެ.
އަލީ ހުސައިނަކީ ގުޅިފައިވާ ޕާޓީ ތަކުން އިންތިޒާމުކޮށްގެން މާލޭގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ލީޑް ކުރުމުގައި އެންމެ އިސްކޮށް މުޒާހަރާގެ ތެރެއިން ފެންނަމުންދާ އެއް މެންބަރެވެ.
އަލީ ހުސައިން މިރޭ ހައްޔަރުކޮށްފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް މިހާރުވެސް ހުށަހެޅިފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާއަށް ނުހައްގުން ދައުވާކޮށް ޖަލަށްލީ ނަމަވެސް މިސަރުކާރު ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް ގުޅިފައިވާ ޕާޓީ ތަކުން ކުރާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އަލީ ހުސައިން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ