ބޭރުގައި ތިބި ދިވެހިންގެ ތެރެއިން 103 މީހުން ރާއްޖެ ގެނެސްފި

ރާއްޖެއިން ބޭރުގައި ތާށިވެ، ކޮވިޑް-19 ފުރަބަންދުތަކާ ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހިންގެ ތެރެއިން 103 ދިވެހިން މިއަދު ރާއްޖެއަށް ގެނެސްފިއެވެ. ޚާރިޖީވުޒާރާގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުޙައްމަދާ ހަވާލާދީ "އަވަސް" ނޫހުން ބުނެފައިވަނީ ބެެލެރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން އަނބުރައި ރާއްޖެ އައުމަށް ބޭނުންވާ މީހުން ރާއްޖެ ގެނެސްފައިވާ ކަމުގައެވެ. އަދި ލަންކާގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ދެމުން އައި މީހުންވެސް ރާއްޖެ ގެނެސްފައިވާ ކަމުގައި މިއުވާނު ވިދާޅުވިއެވެ. އަދި އެމީހުން މާލެއަށް ގެނައީ މިއަދުގެ ހެނދުނު ވަގުތެއްގައި ކަމަށްވެސް މިއުވާނާ ހަވާލާދީ އަވަސް ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. މިއުވާނު އަވަސް ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި ސްރީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ދިވެހިން އެކނަި ރާއްޖެ ގެނައުމަށް ނިންމާފައިވަނީ ފުލައިޓުގައި ޖާގަ ހުރި މިންވަރު މަދުވުމުންނެވެ. މިއަދު ރާއްޖެއަށް އައި މީހުންގެ ތެރޭގައި ހިމެނެނީ ބެލެރޫސްގައި ތިބި ދިވެހިންގެ ތެރެއިން 48 މީހުންނާއި، އިނގިރޭސިވިލާތުން ގެނައި 23 މީހަކާއި ލަންކާއިން އައި 32 މީހުންނެވެ. އަދި މިމީހުން މިއަދު 11.00 ހާއިރު ކަރަންޓީނު މަރުކަޒުތަކަށް ގެންދާނެ ކަމަށް މިއުވާނުވަނީ "އަވަސް" ނޫހަށް މަޢުލޫމާތު ދެއްވާފައެވެ. ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ފުރަބަންދު އިޢުލާނުކޮށްފައިވުމާ ގުޅިގެން ސަރުކާރުންދަނީ އެޤައުމުތަކާ މަޝްވަރާކޮށްގެން އެޤައުމުތަކުގައި ތާށިވެފައިވާ ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެގޮތަށް ގިނަ ޢަދަދެއްގެ ދިވެހިން މިހާތަނަށް ސަރުކާރުން ރާއްޖެއަށް ގެނެސްފައިވެސްވެއެވެ. ރާއްޖެއަށް ބޭރުން އަންނަ ހުރިހާ ފަރާތްތަކެއްވެސް ކަރަންޓީނުގައި 14 ދުވަސް ހޭދަކުރަންޖެހެއެވެ. އަދި ކަރަންޓީނުން ވީއްލުމުގެ ކުރިން ބައްޔަށް ޓެސްޓުކުރެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ