ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ސަރުކާރަށް ގެއްލިގެން އެދިޔައީ ސަރުކާރުގައި އެއްވެސް ހަމްދަރުދީއެއް، އޯގާތެރިކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ، ސަރުކާރުން ބްރިޖް އެޅިނަމަވެސް ބްރިޖާހަމައަށް ދިއުމުގެ ހަކަތަވެސް ރައްޔިތުންގެ ގައިގައި ނެތް ކަމަށެވެ. އެހާވެސް ރައްޔިތުންގެ އަތްމަތި ދަތިކަމަށެވެ.
"މި ސަރުކާރުގައި އެއްވެސް ހަމްދަރްދީއެއް، އޯގާތެރިކަމެއް ނެތުމުން މުޅި ރާއްޖޭގެ އާބާދީ އެދިޔައީ ގެއްލިގެން. ބްރިޖާ ހަމައަށް ދިއުމަށް ރައްޔިތުންގެ ގައިގައި ހަކަތައެއްނެތް. އަތްމަތިދަތި. މުސާރަ ބޮޑުކުރިތޯ. ޓެކްސް ފައިސާގައިގެން ގިނަކުރީ ކޯޑިނޭޓަރުން. އައްޑޫސީޓީން ގޮވީ ހޯހޯއޭ. ކުޅެންނޫޅޭށޭ. ފުވައްމުލައް ވީގޮތް ބައްލަވާ. ކުޅުދުއްފުށި، ތިނަދޫ، ވިލިނގިލި، މިހެންގޮސް ރާއްޖޭގެ ބޮޑެތި ރަށްތަކަށް ވެގެންދިޔަގޮތް ބައްލަވާ" މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވިއެވެ.
މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ، ކާއެތިކޮޅާއި ކަރަންޓްބިލަށް ތިހެން ނުހައްދަވާށޭ ރައްޔިތުން ގޮވައި އާދޭސްކުރަމުންދިޔަ ކަމަށާއި، ނަމަވެސް ސަރުކާރުން ރައްޔިތުންގެ އަޑު ނޭހި ކަމަށެވެ. ކާޑުގެ އަގު ބޮޑުވެއްޖެ ކަމަށާއި، ކަރަންޓްގެ އަގު ބޮޑުވެއްޖެ ކަމަށާއި، އެތައްތަނުން ޓެކްސް ބޮޑުވެއްޖެ ކަމަށާއި، ކުޑަވިއެއްޗެއް ނުފެނުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މިނިވަންކަމާއި ހައްގުތައް ވަނީ ބީވެގެން ގޮސްފައި ކަމަށާއި، އަބުރުގެ ގާނޫނާއި، އެއްވެއުޅުމުގެ ގާނޫނާއި، ބިޑަކާނުލާއި ރަށްތައް ދިނުމުގެ ގާނޫނުފަދަ އެތައް ގާނޫނެއް ހަދައި ރައްޔިތުންނަށް ދެމުންގެންދިޔަ އަނިޔާތަކުގެ ސަބަބުން އެތައް ބަޔަކު ސަރުކާރާ ދުރަށް ދިޔަކަމަށް އުސްތާޛް މުހަންމަދު ވަހީދު ވިދާޅުވިއެވެ.
ދޫހެލޭތީ ވާހަކަ ދައްކައިގެން ރައީސް ޔާމީނާ އަރިސްވެފައިވާ ބަޔަކު އެބަތިބި ކަމަށާއި، ދާއިރާގެ ފުރިހަމަ ތާއީދު އެބައޮތް ކަމަށް އެފަދަ ބޭބޭފުޅުން ރައީސްގާތު ވިދާޅުވާ ކަމަށާއި، އެހެން ނަމަވެސް ހަގީގަތުގައި ކަންތައް ވެގެންދިޔަގޮތް ބައްލަވާ ލެއްވުމަށް މުހަންމަދު ވަހީދު ވިދާޅުވިއެވެ.
ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން އިންތިޚާބަށް ނުކުތް ކެންޑިޑޭޓުންގެ އަދަދާ އަޅާ ބަލާއިރު، މިސަރުކާރަށް ރައްޔިތުންގެ ތާއީދުގެ %15 އާ ހަމައަށްވެސް އާދެވޭނެ ކަމަކަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މަސައްކަތް ފަށަންވީ ރައްޔިތުންނާ ގާތުން ކަމަށާއި، ރައްޔިތުންނާ ދުރަށްދާ ސަރުކާރަކާ ރައްޔިތުން ގާތެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛް މުހައްމަދު ވަހީދު އިބްރާހީމްގެ ވާހަކަފުޅުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތަށް އެހީތެރިވެދެއްވި ބޭފުޅުން މިއަދު ތިއްބެވި ހިސާބުގެ މައްޗަށް ބައްލަވާލެއްވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރާ ހަމައަށް ޔާމީން ގެނައުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ބޭފުޅުން ކުރެއްވި މަސައްކަތް ފާހަގަ ކުރައްވައި، އެބޭފުޅުންނާމެދު ރައީސް ޔާމީން މިއަދު ކަންތައް ކުރައްވައި އަދި ކުރައްވަމުން ގެންދަވާ ގޮތްތައް ފާހަގަ ކުރެއްވިއެވެ.
އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގާސިމް އިބްރާހިމް ކުރެއްވި ބުރަ މަސައްކަތްޕުޅާއި، ދެއްވި އެހީތެރިކަމާއި، ޝައިޚް އިމްރާންފަދަ ބޭފުޅުން ޔާމީން ހޮވުމަށް ކުރެއްވި މަސައްކަތާއި އެބޭފުޅުން މިއަދު ތިއްބެވި ހާލަތުގެ މައްޗަށްވެސް މުހަންމަދު ވަހީދު އިބްރާހިމް ވާހަކަފުޅު ދެއްކެވިއެވެ. އެއީ ޝުކުރުވެރިވުންތޯވެސް ސުވާލު ކުރެއްވިއެވެ.
ރައީސްކަމަށް އިންތިޚާބު ކުރެވި، ވެރިކަން ކުރެއްވުމަށް ލިބުނު އެންމެފަހި ފުރުސަތަކީ ޖުމްހޫރީ ޕާޓީފަދަ ޕާޓީތަކުގެ ތާއީދާއެކު މަޖިލިސްވެސް ލިބުން ކަމަށާއި، އެހެން ނަމަވެސް ކަން ކުރެއްވީ އެހެންގޮތަކަށް ކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ޔާމީން އެގޮތަށް ކަން ކުރެއްވުމުން، ގުޅިފައިވާ ސިޔާސީ 4 ޕާޓީގެ ލީޑަރުން ގުޅިގެން 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނޭ ކަމަށް މުހަންމަދު ވަހީދު އިބްރާހިމް ވިދާޅުވިއެވެ. "ﷲ ތަޢާލާގެ އިރާދަފުޅާއި މިންވަރުފުޅުން 2018، ހަތަރު ލީޑަރުން ގުޅިގެން ކާމިޔާބު ކުރާނަން. ރައީސް ޔާމީން ބަލިކުރާނަން" ވަހީދު ވިދާޅުވިއެވެ.
އާބާދީގެ ބޮޑުބައެއް ސަރުކާރަށް ގެއްލިގެންދިޔައީ ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް ނެތުމުން: މެމްބަރު ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ