ފޭދޫ ފެންހިންދާ ނިޒާމަށް ގަސްތުގައި ބަޔަކު ވަނީ ގެއްލުން ދީފައި: މެމްބަރު ނިހާދު

ފޭދޫ ފެން ހިންދާ ނިޒާމަށް ގަސްތުގައި ބަޔަކު ގެއްލުން ދީފައިވާ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫސިޓީގައި ފެންބޮޑުވެ ލިބެމުންދާ ގެއްލުންތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. 
ނިހާދު ހުށަހެޅުއްވި ކުއްލި މައްސަލައާ މެދު ބަހުސް ކުރުމަށް ފާސް ކުރެއްވީ 44 މެމްބަރުންގެ އަޣްލަބިއްޔަތުނެނެވެ. މި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ފޭދޫގައި މި ފަހަރު ކުރިވިއްސާރައިގައި އެހާ ބޮޑު ގެއްލުމެއް ވެފައި ވަނީ ފެންހިންދަން އަޅައިފައިވާ ނިޒާމު ވެލި ގޯނި ޖައްސައި ބަންދުކޮށްފައި ހުރުމުން ކަމަށެވެ. ހޮޅި ލައިން ތެރެއިން މެއިން ޖަންކަޝަންތަކުގައި ވެލިބަސްތާ ޖަހައިފައި ނިޒާމު އެއްކޮށް ބޮލޮކް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވެލި ބަސްތާ ޖައްސައިގެން ބައްދައިފައި ނެތްނަމަ އެހާލަތަށް ކަންތައް ނުދިޔައީސް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސިޔާސީ ގޮތުން ރާވައިގެން ބަޔަކު ކޮށްފައިވާ ކަމެއްކަމަށް މެމްބަރު ނިހާދާއި އައްޑޫގެ އެހެން މެމްބަރުން ވެސް ތުހުމަތު ކުރެއްވިއެވެ. އެކަންކުށްވެރިކުރައްވައި އެމައްސަ ބެލުމަށް މެމްބަރުން ގޮވާލެއްވިއެވެ. 
މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫގައި ފުރަތަމަ ފެންބޮޑުވެ ގެތަކަށް ގެއްލުންވީ މިމަހުގެ 13 ވަނަ ދުވަހު ކަން ފާހަގަ ކުރައްވިއެވެ. ނަމަވެސް ހޮޅިލައިން ތަކުގެ މައްސަލަތައް ހައްލު ނުކޮށް އޮއްވައި ރޭ އަނެއްކާވެސް ފެންބޮޑުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލަ ހައްލު ކުރާނެ ވަގުތު ލިބުނުކަން ފާހަގަ ކުރައްވައި ހޮޅި ލައިން ސާފުކޮށްފައި އޮތްނަމަ ދެވަނަ ފަހަރަށް ފެންބޮޑު ނުވީސް ކަމަށް އޭނާ ވިދާޅުވިއެވެ.  ރަނގަޅު ޑިޒާސްޓަރ ޕްލޭނެއް އޮތްނަމަ މިހާރު ފޭދޫއަށް ދިމާވެފައިވާ ޙާލަތަށް ކަންކަން ނުދާނެކަމަށް ވެސް މެމްބަރ ނިހާދު ފާހަގަކުރެއްވިއެވެ.
މިހާރު އައްޑޫއަށް ކުރަމުންދާ ވީއްސަރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދުއަށެވެ. ފޭދޫގެ 544 ގެއަށް ފެންވަދެ އެތައް އާއިލާއެއް އެހެން އާއިލާތަކުގެ އެހީތެރިކަމާއެކު ދަނީ އުޅެމުންނެވެ. މެމްބަރު ނިހާދު ވިދާޅުވީ ފޭދޫގައި ފެންވަދެ ގެއްލުން ވެފައިވާ ގޭގެއަށް އެނބުރި ވަދެވެން އޮތީ އެގެތަކަށް ފެން ނުވަންނާނެ ގޮތަށް ވެލި އަޅައިގެން ކަމަށެވެ. ނަމަވެސް ވެލި ހޯދުމުގެ ދަތިކަންވެސް ރައްޔިތުންނަށް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ވެލި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް އޭނާ ގޮވާ ލެއްވިއެވެ. ގެއްލުންވި ފަރާތަތަކަށް ލަސްނުކޮށް މާލީ ގޮތުން އެހީތެރިކަން ފޯރިކޮށް ދިނުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން އައްޑޫގެ މެމްބަރުން ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަކީ ހުޅަނގު މޫސުމުގައި އައްޑުއަށް އަބަދުވެސް ދިމާވަމުންދާ މައްސަލައެއް ކަމަށެވެ. އެމައްސަލަ އަށް ބޭނުންވަނީ ދާއިމީ ހައްލެއްކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. ރަށްރަށުގައި އަޅައިފައިވާ ފެންހިންދުމުގެ ނިޒާމަށް ބޭނުންވާ ޕަންޕުތައް ލަސްނުކޮށް ބެހެއްޓުމަށްވެސް މެމްބަރުން ގޮވާލެއްވިއެވެ. އަދި ނިޒާމު ހިންގާ ބެލެހެއްޓުން ކައުންސިލާ ހަވާލުކުރުމަށް ވެސް ބައެއް މެމްބަރުން ގޮވާލެއްވިއެވެ. 
އައްޑޫ މެމްބަރުން މިމައްސަލައާ ގުޅިގެން ފާހަގަ ކުރި އަނެއް މައްސަލައަކީ އައްޑޫގެ ގޯތިތަކަށްވުރެ މަގުތައް އުސް ވުމުގެ މައްސަލައެވެ. މިގޮތަށް ކަންކަން ވެފައި ވަނީ ޕެލޭނެއްނެތިކަންކަން ކުރުމުން ކަމަށް ވިދާޅުވިއެވެ. މަގުތަކުގައި ފެންބޮޑުވެ ވަޅު ހެދުނީމާ މަގު ކަހައި އެއްވަރުކޮށް ވެލި އެޅުމުގެ ބަދަލުގައި އޮތް ގޮތަށް ބާއްވާފައި ވެލި އެޅުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިހާރު ވަނީ އެ ގޮތަށް އެތައް ފަށަލައަކަށް މަގުތަކަށް ވެލި އަޅައިފައެވެ. އެހެންވީމާ ކުރިން ގޯތި ތަކަށް ވުރެ ތިރިކޮށް ނުވަތަ ގޯތިތަކާ އެއްވަރަށް ހުރި މަގުތައް މިހާރު ވަނީ ގޯތި ތަކަށްވުރެ އެތައް ފޯޓެއް އުސްވެފައެވެ. އެހެންވީމާ މަގުތަކުގައި ހެދޭ ފެން ދެމިގަންނަނީ ގޯތިތަކަށެވެ. އައްޑޫގެ ލިންކް ރޯޑްހެދި ފަހުންވެސް އެމައްސަލަ ބޮޑުކަން މެމްބަރުން ފާހަގަ ކުރެއްވިއެވެ. ފެންބޮޑުވުމަށް ދިމާވެފައިވާ އަނެއް މައަސަލައަކީ ފެންހިންދުމަށް އުފެދިފައިވާ ޤުދުރަތީ ނިޒާމު ހަލާކުވުން ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައުފައެވެ. އެގޮތުން ފޭދޫގެ މަގުއްދޫ ސަރަޙައްދުގެ އޮޅުގެ ތެރެއަށް ފެންތައް ޖަމާވެ އެއޮޅުން ބޭރަށް ފެންދާ ގޮތަށް ޤުދުރަތީ ނިޒާމެއް އޮތްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފޭދޫގެ ބިން ހިއްކި އިރު އެނިޒާމު އެއްކޮށް ހަލާކުވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ހިތަދޫގައި ވެސް މިގޮތަށް އޮތް ޤުދުރަތި ނިޒާމު ހަލާކުވެފައިވާކަމަށް މެންބަރުން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ކްލައިމެޓް އެމަޖެންސީ އެއް އިޢުލާން ކޮށްފައިވާނެކަން ފާހަގަ ކުރައްވައި އެއީ ޖޯކަކަށް ނުހެއްދެވުމަށް ވެސް މެމްބަރު ނިހާދު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ