ވަކި ގައުމެއް އެދޭ ގޮތަށް ހާރިޖީ ސިޔާސަތު އޮތްނަމަ ހާލުގައި ޖެހޭ ވަގުތު އެހީވާނެ ބަޔަކު ނުވާނެ: ގާސިމް

ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި އެމީހުންގެ މަސްލަހަތުގެ ހިމާޔަތުގައި ބައްޓަންކުރެވޭ ސިޔާސަތަކަށް ވެއްޖެނަމަ، ދިވެހިންނަށް ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ހުތޫރަތްތެރި ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އާދޭހުގެ އަޑު އަހާނެ ބަޔަކު ނުތިބޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަން ފާހަގަކޮށް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚިޠާބެއްގަ އެވެ.
ގާސިމް އިބްރާހީމްގެ ހިތޯބުގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރަމުންދާއިރު އެމަނިކުފާނު ދެކަމެއް ފާހަގަކުރައްވަން ބޭނުންވާ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި އެމީހުންގެ މަސްލަހަތުގެ ހިމާޔަތުގައި ބައްޓަންކުރެވޭ ސިޔާސަތަކަށް ވެއްޖެނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ހުތޫރަތްތެރި ދަނޑިވަޅުތަކުގައި އަޅުގަނޑުމެންގެ އާދޭހުގެ އަޑު އަހާނެ ބަޔަކު ނުތިބޭނެ ކަން މިފަދަ ދުވަހެއްގައި ހަނދާންކުރަން ޖެހޭ ކަމަށެވެ.
"އެދުވަހަކުން ބައިނަލްއަގުވާމީ މައިދާނުގައި އަޅުގަނޑުމެން ބާކީ ވާނެ. އަޅުގަނޑުމެންގެ ނާޖާއިޒު ފައިދާ ނަގައިގެން އެބައެއްގެ މަސްލަހަތު ހިމާޔަތްކުރި މީހުން އޭރު ތިބޭނީ މިއަށްވުރެ މާހިތްފަސޭހަ ބަނދަރެއްގައި އޮޑި އަޅައިގެން. އަޅުގަނޑުމެންގެ އާދޭހުގެ އަޑެއް އެމީހުނަކަށް ނީވޭނެ.،" ގާސިމް ވިދާޅުވެފައިވެ އެވެ.
ދެވަނަ ކަމަކަށް ގާސިމްގެ ހިތޯބުގައި ވިދާޅުވީ އަޅުގަނޑުމެން ބޭނުންވެގެން ހޯދަން ގަދައަޅާ މަސައްކަތްކުރި އެއްޗެއް ނޫނީ އަޅުގަނޑުމެންނަށް ނުލިބޭނެކަން މިފަދަ ދުވަހެއްގައި ހުރިހާ ދިވެހިންވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަޅުގަނޑުމެން ބޭނުންވާ އެއްޗެއް ހޯދުމަށް އަޅުގަނޑުމެން ވަރުބަލިވުމެއްނެތި، ހިތްވަރާއި އިހްލާސްތެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށާއި އުނދަގޫތަކާއި ބިރާ ސިހުމާ ފަހަނަޅާ ދާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. މާދުރުންނަމަވެސް އުއްމީދުގެ ފަނޑު އަލިކަންފުޅެއްވެސް ފެންނާނީ ޔަގީންކަމާ ސާބިތުކަމާއެކު ފިޔަވަޅު މައްޗަށް ފިޔަވަޅު ނަގައިގެން އެއްބައިވަންތަ ބައެއްގެ ގޮތުގައި އަމާޒަށް ވާސިލްވަންދެން ކުރިއަށް ގޮސްގެން ކަމުގައިވެސް ވިދާޅުވި އެވެ.
މިވަގުތު ޖަރުމަނުގައި ހުންނެވި ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހިން ބޭނުންވާ ދިވެހި ގައުމު ދިވެހި ރައްޔިތުންނަށް ލިބުމުގައި މާގިނަ ދުވަހެއް ނެތް ކަމަށެވެ. އެމަނިކުފާނުގެ ރޫހު އަބަދުވެސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނާއެކު އެމަނިކުފާނު އެންމެ ލޯބިވާ ދިވެހިރާއްޖޭގައި ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ ވަރަށް އަވަހަށް ބައްދަލްވުމުގެ ފޮނި އުންމީދުގައި. ކީރިތި ﷲ އަޅުގަނޑުމެންގެ އިހްލާސްތެރި ދުއާ އިޖާބަކުރައްވާށި! އާމީން.،" މިވަގުތު ޖަރުމަންވިލާތުގައި ހުންނެވި ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިއަދަކީ ރާއްޖޭގެ އިޖުތިމާއީ ހަޔާތުގައި ވަރަށް ހިތާމަވެރި ބިރުވެރި ހާދިސާއެއްގެ ހަނދާން އާކުރެވޭ ދުވަހެއް ކަމަށާއި ވަރަށް ގާތް، އެހާމެ ލޯބިވާ އެތައް ބަޔަކާ ދާއިމީ ވަކިވުމަކުން ވަކިވެ، އެތައް ބައެއްގެ ދިރިއުޅުން އިންދިރާސްވުމުގެ ހިތްދަތި ހަނދާންތައް އިހްސާސްކުރެވޭ ދުވަހެއް ކަމަށެވެ.
"މިއަދަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އަޅުގަނޑުމެނާ ބައްދަލުކުރި ބިރުވެރި، ނާމާން ސުނާމީ ކާރިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 24 މީހަކު ގެއްލި އަޅުގަނޑުމެނާ ވަކިވެގެން ދިޔަދިޔުން ޒިކުރާކުރެވޭ ދުވަހެއް. އެދުވަހު ރާއްޖޭގެ 12،000އެއްހާ މީހުންގެ ގެދޮރު ގެއްލި، 13 ރަށަކުން މީހުން ބަދަލުކޮށް، މީހުންގެ ދަނޑު ބިންތަކާއި އެއްކޮށްފައިވާ މުދާކޮޅު ގެއްލި، އެތައް ރަށެއްގެ ބަދަރާއި ކަރަންޓާއި ފެނުގެ ޚިދުމަތްތައް ކެނޑިގެންދިޔަ. އެތައް ރިޒޯޓަކާއި ވިޔަފާރިތައް ފުނޑުފުނޑުވެ، އެތައް ބައެއްގެ މުޅި ދިރިއުޅުން އެފުށްމިފުށަށްޖެހި، ޢާއިލާތައް އެކިތަންތަނަށް ވިއްސިވިހާލިވެ، އިގުތިސާދީގޮތުން ވަކިވަކި ފަރުދުންނާއި މުޅި ގައުމުވެސް ވަރަށް ބޮޑު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓުނު.،" ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކުގެ ހަނދާން އާކުރަމުން ގާސިމް އިބްރާހީމް ވިދާޅުވެފައިވެ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޑިސެމްބަރު 26 ވަނަ ދުވަހަކީ ސުނާމީއާ ގުޅިގެން ކިތަންމެ ހިތާމަވެރި ހަނދާންތަކެއް އާކޮށްދޭ ދުވަހެއް ނަމަވެސް އެދުވަހަކީ ޒަމާންތަކަށް ދެމިގެންދާ ވަރަށް ޖޯޝީ ރޫހަކާއި އުފާވެރި ގުޅުންތަކެއްގެ ޒިކުރާވެސް އާކުރެވޭ ދުވަހެއް ކަމަށެވެ. އަޅުގަނޑުމެންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނާއި އުޚުއްވަތްތެރިކަމުގެ ހިތްގައިމު ޖަޒުބާތު އުތުރި އެރިތަން އެދުވަހު ފެނިގެން ދިޔަ ކަމުގައިވެސް ގާސިމްގެ ޚިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ. އެކި ރަށްރަށުން ދަތުރު ހަދައިގެން އެރަށެއްގައި ހުރި މަދު ކާއެތިކޮޅާއި ބޯފެންފޮދު، ހާލުގައި ޖެހުނު ރަށްރަށުގެ އާއިލާތަކަށް ފޯރުކޮށްދިނުމަށް ގައުމީ ފޯރީގައި އަންބާ ކިޔަމުން އުއްމީދާ ހިތްވަރު ދިނުމަށް ދިގު ދަތުރުތައްވެސް ބައެއް ރަށްރަށުގެ ރައްޔިތުން އެ ދުވަހު ކޮށްފައިވާ ކަމުގައިވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ. ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އަޅުގަނޑުމެން ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ދުވަހު ދިވެހިން ދައްްކުވައިދިން އެއްބައިވަންތަކަމުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން މިއަދުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ގާސިމްގެ ހިތޯބުގައި އަރިސްކުރައްވާފައިވެ އެވެ.
"ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ރަމްޒުކޮށްދެނީ މުސްލިމް ދިވެހިންގެ އެއްބައިވަންތަކަން. ދިވެހިންގެ ވަރުގަދަ ގުޅުން. ދިވެހިން ދިވެހިންނަށް އަޅާލުމުގެ މަތިވެރި މިންވަރު. ހާލުގައި ޖެހެން އެއްވެސް މީހަކު ތިމާގެ އަޚާ ދޫކޮށް ނުލާނެކަން. އެކަކަށްވާ ތަދު އަނެކަކަށްވެސް އިހްސާސްކުރެވޭކަން. އަނެކާ އުފުލާ ވޭނުގައި ތިމާ ބައިވެރިވެ، އޭނާގެ މުހުތާދު ފިލުވައިދިނުމަށް ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެކަން. އާދެ! މި ގައުމީ، އިޖްތިމާީ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އެދުވަހު ހުރީ މުޅި ދުނިޔެވެސް ހައިރާންވާހާ މަތިވެރި މިންވަރެއްގައި. އެހާމެ ފުރިހަމައަށް. ނަތީޖާއަކަށްވީ އިސާހިތަކު ރާއްޖޭގެ ހާލަތު ބޭރު ދުނިޔެއަށް ތަސައްވަރުކުރެވި، ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ޝޮކާއި ބޮޑު ގެއްލުމުން އަރައިގަތުމަށް މުޅި ދުނިޔޭގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް މަތިވެރި ދަރަޖައަކަށް ލިބިގެންދިއުން.
ގާސިމް އިބްރާހީމް ވިދާޅުވީ ސުނާމީން އަރައިގަތުމަށް ރާއްޖެއިން ކުރި ކާމިޔާބު މުހިންމު ދަތުރުގައި އަދި ބޭރުގެ އެހީ ހޯދުމުގެ ޒިންމާދާރު މުހިއްމު މަސައްކަތުގައި އަމަލީގޮތުން އިސްސަފުގައި މަސައްކަތް ކުރަން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅެއްގެ ހައިސިއްޔަތުން އޭރު ކުރެވުނު މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށާއި އަދި ވަރަށް ގާތުން އެކަންކަން ތަޖުރިބާކުރުމުގެ ނަސީބު ވެސް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން އެދުވަހު ދިވެހިން ތިބި ހާލާއި، ބޭރު ދުނިޔޭގެ ސަމާލުކަމަށް ރާއްޖެ އައިގޮތާއި، ރާއްޖެއަށް އެހީ ދިނުމުގައި ގައުމުތަކުން އިސްކަންދީ، ދިވެހިންގެ އަތުގައި ހިފި ސަބަބާއި، ގައުމުގެ ވިޔަފާރިއާއި ޓޫރިޒަމާއި އިގުތިސާދުގައި އެޅުނު ބާގަނޑުތައް ބެދި އެހާ ކުރުމުއްދަތެއްގެ ތެރޭގައި ހަމައަކަށް އެޅުނު ގޮތް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންކަމުން، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ ސުނާމީ ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަޅުގަނޑުމެންގެ ލޮބުވެތި އުޚްތުންނާއި އަޚުންނަށް ކީރިތި ﷲގެ ދާއިމީ ނިއުމަތުގައި ތާއަބަދު ސުވަރުގެތަކުގައި ދެމިތިބުމުގެ ހެޔޮ ނަސީބު މިންވަރު ކުރެއްވުން އެދި ކީރިތިﷲގެ ހަޟުރަތަށް ދުއާ ދެންނެވުން. އަދި ވަކިވެގެންދިޔަ އަޚުންނާއި އުޚުތުން ނިސްބަތްވާ އާއިލާތަކަށާއި އެދުވަހު ހާލުގައި ޖެހުނު އާއިލާތަކަށް އަޅުގަނޑުގެ ހިތްވަރުގެ ބަސްތައް ފޮނުވައި، ﷲގެ ހެޔޮ ރަޙުމަތްފުޅު އަބަދުވެސް އެހުރިހާ ފަރާތްތަކަށް ލިބުން އެދި ދުޢާކުރުން. އަދި އެދުވަހު އެހުރިހާ ފަރާތްތަކަށް ހަމްދަރުދީވެ އޯގާތެރިކަން ފާޅުކޮށް، އެހީތެރިކން ފޯރުކޮށްދެއްވުމުގައި މަތިވެރި ގުރުބާނީތައްވި ފަރާތްތަކަށް ސާބަހާއި އައްސަރިބަހުގެ ޝުއޫރުތައް ފޮނުވުން." ގާސިމްގެ ޚިޠާބުގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ