ކަރަންޓް ބިލް ބޮޑުކޮށް ޕްރިންޓްކުރުމުން ފެނަކައިގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ރ. މަޑުއްވަރީ ގެއެއްގެ ކަރަންޓު ބިލް ބޮޑުކޮށް ޕްރިންޓު ކުރި މައްސަލައިގައި ފެނަކައިގެ މަޑުއްވަރީ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކޮށްފި އެވެ. މަގާމުން ވަކިކޮށްފައިވަނީ ރ. މަޑުއްވަރީ ފެހިފަރުދާ، އީސާ ހުސެއިންފުޅެވެ. އޭނާ ވަނީ އެ ރަށު ހިޔާވަހިގޭގެ މިދިޔަ މެއިމަހުގެ ކަރަންޓު ބިލަށް 44،382.55 ރުފިޔާ އަރާފައިވާ ގޮތަށް ރަނގަޅު ނޫން ބިލެއް ތައްޔާރުކޮށް ފޮނުވާފައެވެ. ފެނަކައިން ބުނީ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި އީސާ ހުސެއިންފުޅު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް އިހުމާލު ވެފައިވާތީ ކަމަށެވެ. އަދި އޭނާ އިތުރަށް އެ ވަޒީފާގައި ބަހައްޓައިފިނަމަ ކުންފުނީގެ ނަން ކިލަނބުވެ ކުންފުންޏަށް އިތުރު ގެެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށް ފެނަކައިން ބުނެ އެވެ. ފެނަކައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަން ހިނގާފައިވަނީ ބަލަންޖެހޭ މިންގަނޑަށް ބަލާފައި ނެތުމާއި، ކުރީ މަހުގެ ރީޑިން އާ އަޅާބަލާއިރު މިމަހުގެ ބިލް އެތައް ގުނައެއް ބޮޑުވެފައިވާތީ ބިލިން ސިސްޓަމްގެ އެކި މަރުހަލާތަކުގައި ބިލް ޕްރިންޓް ވިޔަ ނުދީ ހިފެހެއްޓި ނަމަވެސް ބިލުގައި އެއްވެސް މައްސަލައެއްް ނެތް ކަމަށް ބަލައި ސިސްޓަމުން އޮތޮރައިޒް ކުރުމަށްފަހު ބިލް ޕްރިންޓު ކުރުމުން ކަމަށެވެ. ފެނަކައިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ 'ފެނަކަ ބޮޑުބިލް'ގެ މައްސަލައިގެ ތަހްގީގު މިހާރު ނިމިފައިވާ ކަމަށެވެ. "އާއްމުކޮށް -/6 ނުވަތަ -/7 ރުފިޔާ ކަރަންޓު ބިލަށް އަރާގެއަކަށް މިހާބޮޑު އަދަދެއް އަރާފައި މިވަނީ އީސާ ހުސެއިންފުޅު ބިލްގެ ރީޑިން އެންޓާ ކުރުމާއި ބިލު ޕްރޮސެސް ކުރުމުގައި ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑާއި އުސޫލުން ވޭރުން ބިލް ޕްރިންޓްކޮށް ފޮނުވާފައިވާތީ އެވެ." ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ