އެންމެ ކުޑަ އުޖޫރަ ބޮޑުކަމުގެ ޝަކުވާ ގާސިމް ނުކުރައްވާ: ޖޭޕީ

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭން ނިންމައިފައިވާ އަދަދުތައް ބޮޑުވެގެން އެކަމުގެ ޝަކުވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުރެއްވި ކަމަށް ދެކެވޭވާހަކަ އެ ޕާޓީން ދޮގުކޮށްފިއެވެ. އެންމެ ކުޑަ އުޖޫރައިގެ ޝަކުވާ ގާސިމް ކުރެއްވި ކަމަށް ބުނެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވީ އެންމެ ކުޑަ އުޖޫރައާ ގުޅޭ އެއްވެސް ވާހަކައެއް ގާސިމް، ރައީސް ސޯލިހާ މިހާތަނަށް ދައްކަވާފައިނުވާ ކަމަށެވެ. އަލީ ސޯލިހު ވަނީ މިފަދަ ހަބަރުތައް ފަތުރަނީ ގާސިމްގެ އަގު ވައްޓާލުމަށް ކޮށްފައިވާ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. "މިއީ ރައްޔިތުންގެ ތެރޭގައި އޮނަރަބަލް ގާސިމް އިބްރާހިމަށް ފަހަކަށް އައިސް އިތުރުވަމުންދާ ލޯތްބާއި އިހުތިރާމް ފެނި، ހަޖަމް ނުވެގެން ލިޔެފައިވާ ލިޔުމެއް ކަމީ އެއްވެސް ޝައްކެއް ނެތް ކަމެއް،" އަލީ ސޯލިހު ވިދާޅުވިއެވެ. އަލީ ސޯލިހު މިފަދައިން ވިދާޅުވީ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތްތެރިންނަށް ދޭން ނިންމައިފައިވާ އަދަދުތައް ބޮޑުވެގެން އެކަމުގެ ކަންބޮޑުވުން ގާސިމް ރައީސް ސޯލިހާ ހިއްސާކުރެއްވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނިކޮށެވެ. މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދުތަކާ ގުޅޭގޮތުން މިނިމަމް ވޭޖު ބޯޑުން މިހާރު ވަނީ އިކޮނޮމިކް މިނިސްޓްރީއަށް ލަފާދީފައެވެ. މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށް ހާއްސަކޮށްގެން ކަމަށާއި މިނިމަމް ވޭޖު ކަނޑައެޅުމުގައި ބަލައިފައިވާނީ ގާނޫނުގައި އެކަން ކުރުމަށް ބުނެފައިވާ ގޮތަށްކަމަށް ބޯޑުން ވަނީ ބުނެފައެވެ. ގަޑިއިރަކަށް ޖެހޭ ވަރު ބެލުމަށްފަހު ވޭޖް ކަނޑައަޅައިފައިވާއިރު، ކުދި ފަންތީގެ ދާއިރާތަކުގައި އަށް ގަޑިއިރު މަސައްކަތްކުރާ މީހުންނަށް މަހަކަށް 6،000އަށްވުރެ މަތީ މުސާރައެއް ލިބޭނެއެވެ. ސިވިލް ސާވިސް މުވައްޒަފުން ހިމެނެނީ މެދު ފަންތީގެ ދާއިރާގައިކަމުން، ކޮންމެ ދުވަހަކު ހަ ގަޑި އިރު މަސައްކަތްކުުރާނަމަ 7000 ރުފިޔާއަށް ވުރެ ދަށް ނޫން މުސާރައެއް ލިބޭނެއެވެ. އަދި މަތީ ފަންތީގެ ދާއިރާތަކުގައި އަސް ގަޑި އިރު މަސައްކަތްކުރާ މަސައްކަތްތެރިންނަށް 10،000 ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ. މިނިމަމް ވޭޖް ރަސްމީކޮށް ފާސްކޮށް އެ ދޭން ފަށާނީ މިނިމަމް ވޭޖް ބޯޑުގެ ލަފައާއި ނިންމުން މިނިސްޓަރު ބެއްލެވުމަށް ފަހު ނެރުއްވާ ގަރާރަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ