ހިޔާ ފުލެޓްތަކުން ކަރަންޓާއި ފެން ކެނޑުން: އަށް ޓަވަރަކަށް އަލުން ކަރަންޓު ދީފި

ކަރަންޓު ކޭބަލްއަކަށް ގެއްލުންވެ، ކަރަންޓާއި ފެން ކެނޑުނު އަށް ޓަވަރަކަށް އަލުން ހިދުމަތް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފުލެޓުތަކުން މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަރަންޓާއި ފެން ކެނޑުނީ، އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި އެ ކުންފުނިން އަޅާފައިވާ ކޭބަލަކަށް ގެއްލުން ލިބުމުންނެވެ.
އެ ކޭބަލް މަރާމާތު ކުރުމަށް ތިން ނުވަތަ ހަތަރު ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރި ނަމަވެސް ސްޓެލްކޯ އިން ބުނީ، ހިޔާ ފުލެޓްތަކުގެ ތެރެއިން އެޗް1 އިން އެޗް8 ފިޔަވާ އެހެން ފުލެޓުތަކަށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ.
އަދި ބާކީ ހުރި ފުލެޓުތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ކަރަންޓު ކޭބަލްތަައް އަޅާފައިވަނީ އެޗްޑީސީން ކަމަށެވެ. އަދި ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމުގައި ސްޓެލްކޯގެ ދައުރަކީ އެ ކުންފުނީގެ އިންޖީނުގެއިން ކޭބަލެއް ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ސަބްސްޓޭޝަނަކަށް ގެންގޮސް އެ ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ