ސުޕްރީމް ކޯޓުގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް "ޗެލެންޖް" ނުކުރެވޭނެ ކަމަށާއި އެބާވަތުގެ އެއްވެސް ކަމެއް ކުރަން ފުރުސަތު ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކޯލީޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަހްމަދު ނިހާން ހުސައިން މަނިކުގެ ކެމްޕޭން ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމް ވަރަށް ބޮޑަށް ދިފާއުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާފައިވާ ގާސިމް އިބްރާޙިމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށްގެން ނޫން ގޮތަކަށް ސުޕްރީމް ކޯޓުން ނިންމާ އެއްވެސް ނިންމުމެއް ބަދަލުކޮށް އެ ނިންމުމަކަށް ފާޑު ނުކިޔޭނެ ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކަށް ދެކޮޅުވެރިކަން ދެއްކޭނެ މުއައްސަސާ އެއްވެސް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ ސުޕްރީމް ކޯޓާ މެދުގައި ތަފާތު ވައްތަރުވައްތަރުގެ ބަހުސްތައް ކުރެވެމުންދާތަން، ނަމަވެސް ގާނޫނު އަސާސީގައި އޮތް ގޮތުން އެންމެ ފަހު ބަސް ބުނާ ފަރާތަކީ ވެސް އަދި ގާނޫނު އަސާސީ މާނަކުރުމުގެ ބާރު ވެސް ދީފައި މިވަނީ ސުޕްރީމް ކޯޓަށް. އެ ނިންމުން ޗެލެންޖް ނުކުރެވޭނެ ރައްޔިތުންގެ މަޖިލީހަށް ވެސް،" ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތާއި ބާރުތައް ބުނެދީފައިވާ މާއްދާތަކަށް އިޝާރާތްކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އަމިއްލަ ފަރުދުންނާއި މުއައްސަސާތަކުން އަދި ޖަމާއަތްތަކުން ވެސް ކޯޓު ތަކުގެ ނިންމުންތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގެ އެތައް ތަނެއްގައި ކަނޑައަޅާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖުކޮށް ޝަރުއީ ދާއިރާއަށް ފާޑުކިޔާ ފަރާތްތަކަށް އަމާޒުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން އެއާ ދެކޮޅަށް ވާހަކަދައްކާ އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ މުޒާހަރާއަށް ނުކުމެ، ހަޅޭ ފަޅޭއް ލެވުމަކީ ކޮށްގެންވާނެ ކަމެއް ނޫން، އެއީ އަޅުގަނޑުމެންގެ ނާގާބިލުކަން އަޅުގަނޑުމެންގެ ޖާހިލުކަން ނޫނީ އެހެން އެއްވެސް އެއްޗެކޭ ދަންނަވާކަށް ނެތް. އެހެންކަމުން އެބާވަތުގެ އެއްވެސް ކަމެއް ކުރާކަށް ފުރުސަތެއް ނުދެވޭނެ،" ގާސިމް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް "ޗެލެންޖް" ނުކުރެވޭނެ ކަމަށް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ޗެލެންޖްކޮށްފަ އެވެ. މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރެއްގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު ހުކުމަކީ ގާނޫނު އަސާސީއާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހިލާފަށް ނެރެފައިވާ ހުކުމެއް ކަމަށެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާއި ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލް ގައްޔޫމާއި ޑރ. މުހައްމަދު ވަހީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އަދި ބައެއް ވަޒީރުންނާ މާލޭގެ 13 ދާއިރާއަށް ކުރިމަތިލާފައިވާ ސަރުކާރު ކޯލީޝަންގެ ކެންޑިޑޭޓުންގެ ތެރެއިން 12 ކެންޑިޑޭޓުންނާ ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް މަޖިލީހަށް ވެސް ޗެލެންޖެއް ނުކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ