ރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ފުލުހުންގެ އެއްބާރުލުން ބޭނުުންވާ ކޮންމެ ވަގުތެއްގައި އަބަދުވެސް ފުލުހުން ތިބޭނީ ތައްޔާރަށް ކަމަށް ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮމިޝަނަ މިހެން ވިދާޅުވީ މުލަކަތޮޅަށާއި ނިލަންދެ އަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގައި މ. އަތޮޅުގެ ކައުންސިލްތަކުގެ މެމްބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކާއެކު ވަކިވަކިން ބޭއްވި ބައްދަލުކުރުންތަކުގައި ސީޕީ ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމުގައި ކައުންސިލްތަކުން އެދިވަޑައިގަންނަވާ ކަންކަން ގަބޫލުކުރައްވާނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ ކަންބޮޑުވުންތަކާއި ރައްޔިތުން ފުލުހުންގެ ހިދުމަތަށް އެދިއެދި ތިބި މިންވަރު އިހްސާސް ކުރެއްވޭ ކަމުގައި ވެސް ވިދާޅުވި އެވެ. ހަމައެހެންމެ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކުވެސް އެރަށަކީ ފުލުހުންގެ ހިދުމަތް އެންމެ ބޮޑަށް ތަރައްގީ ކުރެވިފައިވާ ރަށަށް ހެދުމަށް ބޭނުންވާ މިންވަރުވެސް އެނގިވަޑައިގަންނަވާ ކަމުގައި ކޮމިޝަނަ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ ހިދުމަތް ދިނުމުގައި މީހުން މަދުވުމާއި އެއްގަމު އުޅަނދުފަހަރު މަދުވުމާއި ވަސީލަތްތައް މަދުވުމާއި ފުލުހުންގެ ހިދުމަތަށް ހާއްސަކޮށް އިމާރާތްކުރެވިފައިވާ ސްޓޭޝަންތައް ހެދުމަކީ ލިބޭ އާމްދަނީ އާއި ގުޅިފައި ހުރި ކަންކަން ކަމަށްވެސް ކޮމިޝަނަ ވިދާޅުވި އެވެ. އެހެންކަމުން ފުލުހުންގެ ހިދުމަތް ފަދަ އަސާސީ ހިދުމަތްތައް ރަށްރަށުގައި ތަރައްގީކޮށް އެކަށޭނަ ހިދުމަތެއް ދިނުމުގައި ކައުންސިލްތަކާ ރައްޔިތުންގެ ބައިވެރިވުން މިހާރެކޭ އެއްގޮތަށް އަދި މިއަށްވުރެވެސް ބޮޑަށް ލިބިގެން ދިއުމަކީ މުހިއްމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ކޮމިޝަނަ މިބައްދަލުވުންތަކުގައި ވިދާޅުވި އެވެ.
މި ބައްދަލުވުންތަކުގައި ސީޕީ ހުސައިން ވަހީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ހިދުމަތް ގާއިމްވެގެން ދިއުމަކީ ކުށްކުރުން މަދުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.
މި ބައްދަލުވުންތަކުގައި ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިތުރުން ފުލުހުންގެ ބައެއް ސީނިއަ އޮފިސަރުންނާއި ކައުންސިލްތަކުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ރައްޔިތުން ބޭނުންވާ ކޮންމެ ވަގުތަކު ފުލުހުން ތިބޭނީ ތައްޔާރަށް: ސީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ