ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރު ނެރެފައިވަނިކޮށް އުމަރު ރާއްޖެ ވަޑައިގެންފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވަނިކޮށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އުމަރު ހައްުޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް މިދިޔަ ހަފްތާގައި އަމުރު ނެރުނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީއާއި ކޯޓަށް އެއްބާރުލުން ނުދެއްވާ މައްސަލައިގައި ކަަމަށް އެނގިފައިވެ އެވެ. ނަމަވެސް ހޯމް މިނިސްޓްރީން ބުނީ އުމަރު ކޯޓަށް ވަޑައިނުގަންނަވަނީ ނޫން ކަމަަށާއި، ރަސްމީ ދަތުރުތަކެއްގައި ރާއްޖޭގައި ބޭރުގައި އުޅުއްވާތީ ކޯޓަށް ވަޑައިނުގެންނެވީ ކަަމަށެވެ. އަދި އުމަރު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކޯޓަށް އެންގުމަށްފަހު ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެ އެވެ.
ނެދަލޭންޑްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އުމަރު ރާއްޖެ ވަޑައިގެންނެވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
އުމަރު ރާއްޖެ ވަޑައިގަތުމާއި ގުޅިގެން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްދޭތޯ ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓަކުން ފުލުހުންގެ މައްޗަށް އަމުރެއް ނެރެފިނަމަ އެ އަމުރެއް ތަންފީޒުކުރަން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
"ފުލުހުންނަށް އަމުރެއް އައިސްފިނަމަ އެގޮތަކަށް އަމަލުކުރާނަން. މިއީ އަޅުގަނޑުމެން ދަންނަވަން އޮތް އެއްޗަކީ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
މީސްމީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ނެރުނު ނަމަވެސް ފުލުހުން އެ މީހަކު ހައްޔަރުކުރަނީ ކޯޓަށް ދިއުމަށް ފުލުހުންނަށް އެއްބާރުލުން ނުދޭ ހާލަތްތަކުގައި ކަމަށް އެނގިފައިވެ އެވެ. ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރަންޖެހިއްޖެނަމަ ކޯޓަށް އެ މީހަކު ދާންޖެހޭ ގަޑިއެއްގެ އެއް ގަޑިއިރުކުރިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާ އެ މީހަކު ފުލުސް އޮފީހަށް ހާޒިރުވުމުން ފުލުހުން އެ މީހަކު ކޯޓަށް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެނގިފައިވެ އެވެ.
އުމަރުގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ ޖެނުއަރީ 23، 2012 ގައި އެމްއެމްއޭ ކައިރީގައި މުޒާހަރާ ކުރި މީހުންނާ މުހާތަބުކޮށް މުޒާހަރާގެ ހަރަކާތްތައް ބަދަލުކޮށްލުމަށާއި އެގޮތަށް ހަރަކާތްތައް ބަދަލުކޮށްލުމުން އެ ހަރަކާތްތައް ރައީސް އޮފީސް ކައިރީގަ އާއި ރައީސް އޮފީހަށް ބޭރުގެ ޑިޕްލޮމޭޓުން ދާ ގަޑީގަ އާއި އދ.ގެ މަންދޫބަކު އެއާޕޯޓަށް ފައިބައި ގަޑީގަ އާއި އދ. އޮފީސް ކައިރީގަ އާއި އެމްއެންބީސީ ކައިރީގައި ކުއްލިކުއްލިއަށް ހިނގާނެ ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ކަންތައްކޮށް ސިފައިންނަށް ދަތި ކުރުމަށާއި އެ ހަރަކާތަށް ބޭނުން ވަނީ 2000 ވޮލަންޓިއަރުން ކަމަށް ވިދާޅުވި އިރު އެ 2000 މީހުން ވަކި އިންތިޒާމެއްގެ ދަށުން އެ ހަރަކާތް ހިންގައި ދިވެހި ސިފައިން ވަރުބަލި ކުރުމަށްފަހު 12 ފޫޓުގެ 50 ހަރުގަނޑު ބޭނުންކޮށްގެން ދިފާއީ ބާރުގެ މައި މަރުކަޒުގެ ތެރެއަށް އެއްފަހަރާ ވަންނާނީ ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެ ރާއްޖޭގެ އަމަންއަމާން ކަމަށް ގެއްލުން ލިބިދާނެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް އުމަރު ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
މި ދައުވާ ސާބިތުވެއްޖެނަމަ ދެވޭ އަދަބަކީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ