ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ލީޑަރުކަން ކުރައްވާ ގައުމީ އިއްތިހާދު ޕާޓީ އުވާލަން އެޕާޓީގެ ކައުންސިލުން ނިންމައިފި އެވެ.
ރޭ ބޭއްވި އެޕާޓީގެ ކައުންސިލުން އެގޮތަށް ނިންމާފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ، އެޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގެންނަވަނީ 11 މެންބަރުންނެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ގައުމީ އިއްތިހާދު ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ތައުފީގު ވިދާޅުވީ އެ ޕާޓީ އުވާލަން ކައުންސިލަށް ހުށަހެޅުއްވީ ރައީސް ވަހީދު ކަމަށެވެ. އަދި މިގޮތަށް ނިންމީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން ކުދި ޕާޓީތައް ހިންގުމަކީ އިގްތިސާދީ ގޮތުން ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ދެކެވަޑައިގެން ކަމަށެވެ. ތައުފީގު ވިދާޅުވީ، އެ ޕާޓީގެ އެ ނިންމުމަކީ މިވަގުތު ގައުމަށް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.
"ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އަޣުލަމިއްޔަތުން ނިންމީ ޕާޓީ އުވާލަން. ގައުމީ އިއްތިހާދު ޕާޓީގެ މި ނިންމުމަކީ އަޅުގަނޑުމެން ދެކޭގޮތުގައި ގައުމަށާއި ރާއްޖޭގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް،" ތައުފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޕާޓީ އުވާލުމަށް ކުރަންޖެހޭ ކަންކަން މިހާރު ކުރަމުންދާކަމަށާއި، ލަސްވެގެން މާދަމާ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.
ގައުމީ އިއްތިހާދު ޕާޓީގެ އިސްވެރިންގެ ސިޔާސީ ކުރިމަގާއި ބެހޭގޮތުން ތައުފީގު ވިދާޅުވީ، އެ ޕާޓީގެ ލީޑަރުންނަކީ ރައީސް ވަހީދަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށްވާތީ، އެމަނިކުފާނު ސިޔާސީ ގޮތުން ނިންމަވާ ގޮތަކަށް ތާއިދު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން އިހްތިރާމް ކުރާނަން ރައީސް ވަހީދު ނިންމަވާގޮތަކަށް. އެއީ އެހެން ސިޔާސީ ޕާޓީއަކާ ގުޅެން ކަމުގައި ވިޔަސް. އެމަނކުފާނު ނިންމަވާރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް،" އޭނާ ވިދާޅުވިއެވެ.
ގައުމީ އިއްތިހާދު ޕާޓީއަކީ ތިން ހާހަށްވުރެ ގިނަ މެންބަރުން ހިމެނޭ ޕާޓީއެކެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްފައިވަނީ ސެޕްޓެމްބަރު 04، 2008 ގައެވެ.
ރައީސް ވަހީދުގެ ގައުމީ އިއްތިހާދު އުވާލަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ