ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ހުއްޓާލާނެކަމަށް ގާސިމް އިބްރާހިމް ވިދާޅެއްނުވި

މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރެއްވުން ހުއްޓާލަފާނެތޯ ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި މީހަކު ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެއްވިއެވެ.
ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން "ޤާސިމް އިބްރާހިމާއިއެކު ދިވެހި ރާއްޖޭގެ އަޑު" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ކުރި މި ސުވާލާއި ގުޅިގެން ޤާސިމް ވިދާޅުވީ ބަނގުރަލާއި އޫރުމަހުގެ ވިޔަފާރިއަކީ ރާއްޖޭގައި މީގެކުރިން ވެސް ކުރެވެމުން އައި ވިޔަފާރިއެއްކަމަށެވެ. އަދި ވަކި ހާލަތްތަކެއްގައި މުޅަ ތަކެތި ވެސް ހުއްދަ ކަމަށް ޤާސިމް ވިދާޅުވިއެވެ.
"އާދެ މިއީ އިސްލާމް ގައުމަކަށް ވީ ކުރީއްސުރެވެސް އެބާވަތްތައް ވިއްކަމުން މިގެންދަނީ. އަޅުގަނޑު ދަންނަވާލާނީ އިސްލާމްދީނުގައި އެބައޮތޭ އެކަހަލަ ކަންތައްތައް އޮތް ގޮތް، އަޅުގަނޑަށް ހީވަނީ ތިބޭފުޅާއަށް ވެސް އެނގިވަޑައިގަންނަވާނެހެން. ވަކި ހާލަތްތަކެއްގައި މުޅަތަކެތިވެސް ހުއްދާވާ ހާލަތްތަކެއް އެބަހުރި. ބަނޑުހައިހޫނުކަން ޖެހިގެން ނުވަތަ ބަނޑަށް މަރުވެދާނެކަމުގެ ބިރުވެތިކަން އޮތް ކަމަށް ވަންޏާ، އެކަންތައްތައް ހުރިގޮތް އިތުރަށް ސާފްކޮށްލިޔާ ރަނގަޅުވާނެ. އަޅުގަނޑަކީ ދަންނަ ބޭކަލެއް ނޫން، އެހެންނަމަވެސް އަޅުގަނޑަކީވެސް މުސްލިމަކަށް އުޅެވޭ ވަރަށް ކަންކަން ދަސްކޮށްގެން ހުރިމީހެއް،" ޤާސިމް ވިދާޅުވިއެވެ.
މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނަވާއިރު ރަނިންމޭޓް ކަނޑައެޅުމާއި ގުޅޭގޮތުން ޕްރެޒެންޓަރު ސުވާލު ކުރެއްވުމުން ޤާސިމް ވިދާޅުވީ އަދި ވަކި މީހަކު ކަނޑަނާޅާ ކަމަށާއި އެކަމާއި މެދު ވިސްނަމުންދާ ކަމަށެވެ.
"ރަނިންމޭޓަކާއިމެދު ވިސްނަމުން މިދަނީ އަދި މީހަކު ފައިނަލެއް ނުކުރަން. ނުވެގެންނެއް ނުން އަދި ވަގުތު އޮތީމައި އެކަން މަޑުކޮށްލައިގެން ހުރީ. ދިވެހިބަހުގައިވެސް އޮވޭނޫންތޯ ފަހުން ކިޔާ މާލޫދު މޮޅުވާނެއޭ. އެހެންވީމަ ކޮންމެހެން އަވަސް އަރުވާލުމަކީ މާނައެއް ހުރިކަމެއް ނޫން. އެކަމާއި ވިސްނަމުން މިދަނީ،" ޤާސިމް ވިދާޅުވިއެވެ.
ދާދި ފަހުން ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް، އެ މަނިކުފާނަކީ މޮޔައެއްކަމަށް ގާސިމް ވިދާޅުވެފައިވާއިރު، ރައީސްކަމަށް އަންނަން މަސައްކަތްކުރައްވާ ބޭފުޅަކު އެފަދަ ވާހަކަތަކެއް ވިދާޅުވުމަކީ ކޮންކަހަލަ ކަމެއްތޯ މީހަކު ސުވާލުކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވި އެވެ.
"ފުރޭތައެކޭ އަޅުގަނޑު ބުނެފައެއް ނުވާނެ. އަޅުގަނޑު ބުނީ މޯންސްޓަރއެކޭ. މޮޔައެކޭ އަޅުގަނޑު ދެންނެވީ މާތްވެގެންވާ އިސްލާމްދީނުގައި ހުރެގެން މިދީނަށާއި މާތް ރަސޫލާއަށް ވެސް ފުރައްސާރަވާ ގޮތަށް ތަންތަނުގައި ވާހަކަ ދައްކަވަތީ،" ޤާސިމް ވިދާޅުވިއެވެ.
ޖުމްހޫޕީ ޕާޓީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ ގޭގޭ ބިލް ދައްކައިދޭނަންތޯ މީހަކު ސުވާލުކުރުމުން ޤާސިމް ވިދާޅުވީ އެޕާޓީގެ ވައުދަކީ ރާއްޖެއަށް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުންކަމަށާއި ބިލް ދައްކަންޖެހޭނީ އެ ހިދުމަތް ބޭނުންކުރާ ފަތާތްތަކުން ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޤާސިމްގެ އަމިއްލަ ހަރަދުގައި ތަރައްގީގެ މަޝްރުއޫތައް ހިންގަމުންގެންދާއިރު، ރޭގެ ޕްރޮގްރާމްގައި އެފަދަ ބައެއް މަޝްރުއޫތައް ހުއްޓީފައިހުރުމުގެ ސަބަބުން ވެސް ޤާސިމްއާއި ސުވާލުތައް ކުރިމަތިވިއެވެ. އަދި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި "ވެރިކަން ލިބުނަސް ނުލިބުނަށް ކޮށްދޭނެކަމަށް" ވައުދުވެވަޑައިގެންފައިވާ ބައެއްކަންކަން ނުކޮށްދީ ހުރިކަމަށް ބުނެ ބައެއް މީހުން ސުވާލުކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ