ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން އާއްމުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވި ނަންތަކުގެ ތެރޭގައި ކްރިމިނިލް ކޯޓުގެ ގާޒީ މުހުތާޒު މުހްސިން ވެސް ހިމެނެ އެވެ. އޭނާގެ އިތުރުން މި މަގާމަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މ. ވައިނުޖެހޭގޭ، މަރިޔަމް ޒުލްފާ އާއި މިހާރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހ. ހިޔާކަން، ހުސައިން ޝަމީމްއާއި، ދަފްތަރު ނަމްބަރު 4155، އައިޝަތު ފަޒްނާ އަހްމަދާއި، ދަފްތަރު ނަމްބަރު 7359 މުހައްމަދު ޝާހު އެވެ.
ޕީޖީގެ މަގާމަށް ހުޅުވާލި ފުރަތަމަ ފަހަރު ވެސް ޒުލްފާ، ޝަމީމް އަދި ފަޒްނާ ކުރިމަތިލެއްވި އެވެ.
މުއާޒު ވިދާޅުވީ ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މިހާރު ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މިބޭފުޅުންގެ ތެރެއިން ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް އަލުން ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހ. މީނާޒު، މައުމޫން ހަމީދުގެ ނަން މަޖިލީހަށް ފޮނުއްވުމުން އެނަމަށް ރުހުންދޭން ނުފެންނަ ކަމަށް މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.
ގާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ބަޔާންކުރައްވާފައިވެ އެވެ. ނަަމަވެސް މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާކަމަށް ވޯޓް ދެއްވާފައިވަނީ 36 މެންބަރުންނެވެ. އަދި ފެނިވަޑައިނުގަންނަވާކަމަށް 17 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުން ކަމަށްވާތީ މައުމޫންގެ ހަމީދުގެ ނަން މަޖިލީހުން ފާސްނުވީ އެ އަދަދަށް ވޯޓް ލިބިވަޑައިނުގަތުމުންނެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވަނީ ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކޮށް ނިންމަންޖެހޭނެ ކަމަށެވެ.
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ 25 ނޮވެމްބަރު 2013 ގައެވެ. މުއިއްޒު އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލައިގައި ވޯޓަށް އެހުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް ޕީޖީގެ މަގާމަށް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ