ކައުންސިލް އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަންނަ މަހު ބާއްވަން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހަޅައިފި އެވެ. ކުރިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް، ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނި، ހާލަތު އިތުރަށް ގޯސްވެދާނެތީ، ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އިންތިޚާބު އަންނަ މަހުގެ 18 އަށް ފަސް ކުރީ އެވެ. ހައި ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅީ އެ މުއްދަތުގައި ވެސް އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަން އީސީ އަށް ނެތުމުންނެވެ. ނަމަވެސް މިއަދު އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ އެ މައްސަލައަކީ މުޅި ގައުމާ ގުޅޭ ދުސްތޫރީ މައްސަލައަކަށް ވާތީ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވީ ކަމަށެވެ. "ހައި ކޯޓުގެ ނިންމުމެއް އެޕީލް ކުރުމުގެ ފުރުސަތު ވެސް އެބައޮވޭ. މި ދަނޑިވަޅުގައި ވަގުތު ނެތުމުން ސުޕްރީމް ކޯޓުގެ ނިންމުމަކަށް އެދި މި ހުށަހެޅީ،" އަކްރަމް ވިދާޅުވި އެވެ. ސުޕްރީމް ކޯޓަށް ނުވަތަ އެހެން ޝަރުއީ ކޯޓަކަށް ވެސް އިންތިހާބެއްގެ ތާރީހު ކަނޑަނޭޅޭނެ ކަމަށާއި މިފަދަ ހާލަތުގައި އިންތިހާބުގެ ތާރީހާ ގުޅޭ ގޮތުން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ."ސުޕްރީމް ކޯޓަށް ހަގީގަތުގައި ލިބިގެންވާ ބާރެއް ނޫން އެއީ އިންތިހާބު ފަސް ކުރުމުގެ ބާރު، ނުވަތަ އިންތިހާބުގެ ތާރީހު ކަނޑައެޅުމުގެ ބާރު. އިންތިހާބު ފަސް ކުރަން ޖެހޭނަމަ ދެން ފަރުވާއެއް ހޯދައިދެވެން އޮތް ތަނަކަށް މި އޮތީ މި އިއްޒަތްތެރި މަޖިލީސް." ރައީސް ނަޝީދު ވިދާޅުވި އެވެ. ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުން ދާ ކޮރޯނާވައިރަސްގެ ސަބަބުން މިހާރު ދުނިޔެ ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. މިހާރު އެންމެ ނުރައްކާތެރީ ޔޫރަޕް ސަރަހައްދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ