އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެ ކޮމިޝަނުން ބުނީ، އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ ބަލަން ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.
"އަބްދުﷲ ގާޒީ" ގޮތުގައި، މުޅި ރާއްޖެ އަށް މަޝްހޫރުވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފެށި އިރު، ފަނޑިޔާރުންނާއި ގާޒީން ތިއްބަވާ ވައިބާ ގްރޫޕެއްގައި އޭނާ ދާދި ފަހުން ހިއްސާ ކުރެއްވި ޅެމެއްގެ މައްސަލަ ފެންމަތިވެފައިވާ ކަމަށް އެނގިފައި ވެ އެވެ. އެކަމަކު ޖޭއެސްސީން ބަލަނީ ސީދާ އެ މައްސަލަ ކަމެއް އަދިއެއް ނޭނގެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު [ފެބްރުއަރީ 8، 2012) ގައި އެމްޑީޕީގެ މެމްބަރުން ނުކުމެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގައި އަދި ދައުލުގެ ބައެއް ތަންތަނުގައި ރޯކުރި ދުވަހަށް އަށް އަހަރު ފުރުމާ ގުޅުވައިގެން ފަނޑިޔާރުންނާއި ގާޒީންގެ ވައިބާ ގުރޫޕަށް އަބްދުﷲ ގާޒީ ޅެމެއް ހިއްސާ ކުރެއްވީ "ހެޕީ ބޮޑު ހުޅު ޑޭ" ޖައްސަވަ އެވެ.
އަބްދުﷲ ގާޒީ އަކީ، ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވަން މަޖުބޫރުވި ސަބަބެއް ކަމަށް އެއް ބަޔަކު ބުނެ އެވެ.
އެއީ، ނަޝީދު އިސްތިއުފާ ދެއްވީ، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އަބްދުﷲ ގާޒީ ބަންދުކުރުމުން، އެކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާއި އެއްވުންތަކަށް ފަހު، ކުރިމަތިވެވަޑައިގެންނެވި ފިއްތުންތަކާ އެކު އެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، އެ ދުވަހު އެންމެ ފުރަތަމަ ހިނގި އެއް ކަމަކީ ސިފައިންގެ ތަމްރީން މަރުކަޒު ގިރިފުށީގައި ބަންދުކޮށްފައި ހުންނެވި އަބްދުﷲ ގާޒީ މިނިވަން ކުރުމެވެ.
ނަޝީދުގެ މައްޗަށް 13 އަަހަރުގެ ޖަލު ހުކުމެއް އިއްވީ ވެސް އަބްދުﷲ ގާޒީ، އޭރު ބަންދު ކުރި ކުރުމާ ގުޅުވައިގެން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެންނެވެ. ނަމަވެސް، އެ ހުކުމް ސުޕްރީމް ކޯޓުން ވަނީ 2018 ވަނަ އަހަރު ބާތިލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ